ޓްރާންސްފާ މާކެޓް

ކޯޓްއާގެ ޓްރާންސްފާއަށް ރެއާލް މެޑްރިޑް ވަރަށް ސީރިއަސް

އިނގިރޭސި މީޑިއާތަކުން އިއްޔަ ބުނެފައި ވަނީ، ޗެލްސީގެ ގޯލްކީޕަރު ޓިބޯޓް ކޯޓްއާ އާއި ފޯވަޑް ވިލިއަން ބޯރްހެސް ޑަ ސިިލްވާ (ވިލިއަން) ގެންދިއުމަށް 110 މިލިއަން ޔޫރޯގެ ޖޮއިންޓް ބިޑެއް ރެއާލް މެޑްރިޑުން ހުށަހަޅާފައިވާ ކަމަށެވެ.

ސްޕެއިންގެ ނޫސްތަކުން ބުނީ ވިލިއަން ގެންދިއުމަށް ރެއާލުން ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް ކޯޓްއާ ގެންދިއުމަށް އެ ޓީމުން ވަރަށް ސީރިއަސްކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ރެއާލުން ވަނީ ޗެލްސީގެ ފޯވަޑް އެޑެން ހަޒާޑް ގެންދިއުމަށް ކުރިން މަސައްކަތް ކޮށްފަ އެވެ. އެ މަސައްކަތް ގާތްގަނޑަކަށް މިހާރު ވަނީ ހުއްޓާލާފަ އެވެ. އެއީ ޗެލްސީން ހަޒާޑަށް ޖެހި އަގުބޮޑު ކަމުންނެވެ.

ޗެލްސީއާ އެކު ކޯޓްއާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު ޖޫން މަހުގެ އެވެ. ރެއާލުން އޭނާ ގެންދަން 35 މިލިއަން ޔޫރޯ ވަނީ ހުށަހަލާފަ އެވެ. ޗެލްސީން އެކަމާ ބެހޭގޮތުން އަދިމިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ. އެއީ އެ ޓީމަށް އެހެން ކީޕަރަކު ހަމަޖެހެންދެންނެވެ.

ކޯޓްއާގެ ބަދަލުގައި ޗެލްސީން އެންމެ ބޮޑަށް ފާރަލަމުން ދަނީ، މިފަހަރުގެ ވޯލްޑްކަޕުގައި މޮޅު ކުޅުމެއް ދެއްކިއިންގްލެންޑް ޖޯޑަން ޕިކްފޯޑް އަށެވެ. އޭނާގެ ކުލަބު އެވަޓައިން ދަނީ އޭނާގެ ކޮންޓްރެކްޓް އިތުރު ކުރުމަށްވެސް ވާހަކަ ދައްކާފަ އެވެ. ލެސްޓާ ސިޓީގެ ކެޝްޕާ ޝްމައިކަލްއަށްވެސް ޗެލްސީން ޝައުގުވެރިވާކަން ހާމަ ކުރި އެވެ.

ޗެލްސީން ވިދާލުމުގެ ކުރިން، ކޯޓްއާ މަޝްހުރޫވީ، ރެއާލް މެޑްރިޑްގެ ވާދަ ވެރި އެތުލެޓިކޯ މެޑްރިޑުންނެވެ. ޗެލްސީގެ ރިޒާވް ކީޕަރެއްގެ ގޮތުގައި ކޯޓްއާ ހުރިއިރު، ލޯން އެއްބަސްވުމުގެ ދަށުން އޭނާ ވަނީ ތިން އަހަރު ވަންދެން އެތުލެޓިކޯ މެޑްރިޑަށް ކުޅެފަ އެވެ. އެތުލެޓިކޯ މެޑްރިޑަށް 2014 ވަނަ އަހަރު ސްޕެނިޝް ލީގް ޗެމްޕިއަންކަން ހޯދައި ދިނުމުގައި ކޯޓްއާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.