ހަބަރު

ޖޭއެސްސީގެ މެންބަރު ކަމަށް ރޭނީސް ސަލީމް

Jul 31, 2018
3

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އައްޔަން ކުރައްވާ މެންބަރު ކަމަށް މުހައްމަދު ސަލީމް (ރޭނީސް ސަލީމް) އައްޔަން ކުރައްވައިފި އެވެ.

ޝަރުއީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ މަޝްހޫރު ގާނޫނީ ވަކީލް އެ ކޮމިޝަނަށް ވަޑައިގެންނެވި އިރު، ރައީސް އެކުލަވާލައްވާފައި އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ވެސް ސަލީމް ހިމެނި ވަޑައިގަންނަވަ އެވެ. ޖޭއެސްސީގައި ސަލީމް މަސައްކަތް ކުރައްވަނީ އެސެޓް ރިކަވަރީ ކޮމިޝަންގައި ވެސް ހުންނަވައިގެނެވެ.

މީގެ ކުރިން ވެސް ޖޭއެސްސީގެ މެންބަރުކަން ކުރެއްވި އަދި ބަންޑާރަ ނައިބު އޮފީހުގެ އިސް މަގާމުތައް ވެސް ފުރުއްވެވި ސަލީމަށް ރައީސް އަބްދުﷲ ޔާމީންގެ ކުރިފުޅުމަތީގައި މިއަދު ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާލައި ދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ޖޭއެސްސީގައި މީގެ ކުރިން ރައީސްގެ މެންބަރެއްގެ ގޮތުގައި ހުންނެވީ މުހައްމަދު ފައިސަލެވެ. އޭނާ ވަނީ މި މަހުގެ 24 ވަނަ ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފަ އެވެ.