ވިޔަފާރި

ސަތޭކަ އެމްބީޕީއެސްގެ ދުވެލީގައި އުރީދޫ ސުޕަނެޓް އައްޑޫއަށް

Jul 31, 2018
1

ސަތޭކަ އެމްބީޕީއެސްގެ ސްޕީޑުގައި އުރީދޫ ސުޕަނެޓުގެ ހިދުމަތް އައްޑު ސިޓީ އަށް ފޯރުކޮށް ދީފި އެވެ.

އުރީދޫން ބުނީ މިކަމުގެ އުފަލުގައި އަދި އުރީދޫގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އުރީދޫ އިން ވަނީ ރޭ ވަރަށް ހާއްސަ އޮފާ އެއް ތައާރަފް ކޮށްފައިވާ ކަމަށެވެ. މި އޮފާ މެދުވެރިކޮށް 30 އޮގަސްޓް 2018 ގެ ކުރިން މަރަދޫ އަދި މަރަދޫ ފޭދޫގައި އުރީދޫ ސުޕަރނެޓްގެ ހިދުމަތް ޙިޔާރު ކުރައްވާ އެންމެހާ ބޭފުޅުންނަށް، 13 މަސްދުވަސް ވަންދެން ޕެކޭޖުން 50 ޕަސެންޓް ގެ ބޯނަސް ޖީބީ ލިބިގެންދާނެ އެވެ.

މަރަދޫ އަދި މަރަދޫ ފޭދޫގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް އެކްޓިވޭޝަން ފީ އެއް ނުވަތަ ޑެޕޮސިޓެއް ނުހިމެނުމަށް ވަނީ ހަމަޖައްސާފައި އެވެ.

އުރީދޫގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ އުރީދޫގެ އަމާޒަކީ، އެންމެ ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ހަޔާތަށް އިތުރު ކުރިއެރުމާއި ތަރައްޤީ ފޯރުކޮށްދިނުން ކަމަށެވެ.

"ފާއިތުވެދިޔަ 13 އަހަރުތެރޭގައި، ދިވެހިރާއްޖޭގެ މުވާސަލާތީ ނާރެސް ވަރުގަދަކޮށް، ދިވެހި ރައްޔިތުންނަށް އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދިނުމަށް އުރީދޫ އިން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައި. އަދި ފިކްސްޑް އިންޓަނެޓްގެ ލައިސަންސް ލިބުމާއި އެކު، އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެގެންދިޔައީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް. މި މަސައްކަތުގެ ދަށުން، އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫ ފޭދޫ އަށް ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފްކޮށް، ރާއްޖޭގެ އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫން ބުނީ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ. ހަމައެހެންމެ މި ޕެކޭޖުތަށް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައިވާ ކަމަށެވެ. އަދި މި ހިދުމަތާއި އެކު، މަރަދޫ އަދި މަރަދޫ ފޭދޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށާ، ސުޕަނެޓްގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.