މާލީ ބަޔާން ހުށަހަޅާނެ އާ ފޯމެޓާ އެއްގޮތަށް ވަރަށް އަވަހަށް ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް މާލީ ބަޔާން ހުށަހަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މުއާޒު ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ޔާމީން މާލީ ބަޔާން ހުށަނާޅުއްވާ ކަމަށް ދައްކާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. އެމަނިކުފާނު ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އޮޑިޓާ ޖެނެރަލް އަށް މާލީ ބަޔާން ހުށަހަޅުއްްވައި، އޮޑިޓާ ޖެނެރަލް މާލީ ބަޔާން ބަލައިގެންފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މާލީ ބަޔާން ހުށަހަޅާނެ ގޮތް އިސްލާހު ކުރައްވައި އޮޑިޓާ ޖެނެރަލް ވަނީ މާލީ ބަޔާން ހުށަހަޅާނެ އާ ފޯމެޓެއް ރައީސް ޔާމީނާ ދާދިފަހުން ހިއްސާ ކުރައްވާފައި ކަމަށެވެ. އެ ފޯމެޓާ އެއްގޮތަށް މާލީ ބަޔާން ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޔާމީން ދެއްވާފައިވާ ކަމަށްވެސް މުއާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ ހަތަރު ވަނަ ބާބުގެ 120 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މުދަލާއި ފައިސާގެ ބަޔާނެއް ކޮންމެ އަހަރަކު ވެސް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ކޮންމެ އަހަރަކު މަޖިލީހަށް މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ. އެހެން ނަމަވެސް އެ ބަޔާން އާންމު ކުރާކަށް ނުޖެހެ އެވެ.