ހަބަރު

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި އެއްވަރަށް ޖުޑީޝަލް އެކަޑަމީ ތަރައްގީ ކުރާނަން: އުއްތަމަ ފަނޑިޔާރު

ޖުޑީޝަލް އެކަޑަމީ ތަރައްގީ ކޮށް، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެފަދަ މުއައްސަސާތަކުން ވަކީލުންނަށް ލިބިދެވޭ ތަމްރީނާއި ކޮންޓިނުއިންގ އެޑިޔުކޭޝަން ރާއްޖޭގައި ވެސް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވީ، ޤާނޫނީ ވަކީލުކަމުގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ހޯމަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގާނޫނީ ވަކީލުކަން ފަދަ ޕްރޮފެޝަންތަކަކީ ޢިލްމާއި ހުނަރުގެ މައްޗަށް ބިނާ ވެފައި ވާ ޕްރޮފެޝަންތަކެއް ކަމަށާއި، އެފަދަ ޕްރޮފެޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އެންމެ މުހިއްމު އެއް ޒިންމާ އަކީ، އެ ޕްރޮފެޝަނެއްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރުމަށް ޓަކައި ބޭނުން ވާ ޢިލްމާއި ހުނަރު ފުރިހަމަޔަށް ހޯއްދެވުންކަމަށެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ޝަރުއީ އަދި ޤާނޫނީ ޢިލްމަކީ އައު ދިރާސާތަކާއި، އައު ވިސްނުންތަކާއި، އައު އިޖުތިހާދީ މަސައްކަތްތަކާ އެކު ފުޅާ ވަމުން، ތަރައްގީ ވަމުން އަންނަ ޢިލްމަކަށް ވާ އިރު، އެ ކަންކަމަށް ހޭލުންތެރިވާންޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޝަރުޢީ އަދި ޤާނޫނީ ތަޢުލީމުގެ މަރުޙަލާގައި، ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ލިބުނު ޢިލްމުގެ މައްޗަށް، އިތުރު މަޢުލޫމާތާއި ހުނަރުތައް ހޯދައި ލިބިގަންނާން ޖެހޭކަމަށެވެ. އެގޮތުން އަލަށް ޝާއިރު ކުރެވޭ ފޮތްތަކާއި، އިލްމީ ދިރާސާތައް ޝާއިރުކުރާ ޖާނަލްތައް ފަދަ ތަކެތި ކިޔައި ބަލާން ޖެހޭ ކަމަށާއި، ޝަރުޢީ އަދި ޤާނޫނީ ޢިލްމުގެ އެކިއެކި ދާއިރާތަކުން ބޭއްވޭ ޢިލްމީ މަހާސިންތާތަކާއި، ކޮންޓިނުއިންގ އެޑިޔުކޭޝަން ޕްރޮގްރާމްތަކުގައި ބައިވެރި ވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ލޯ ސްކޫލް ނިމުމަކީ، ކިޔެވުމުގެ ދައުރު ނިމުން ކަމަށް ބަލައިގެން ފަރު ޖެއްސެން ނެތްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.