ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވާ ބާރެއް އަމިއްލައަށް ލިބިގަތުމުގެ އިހްތިޔާރެއް ވެސް އެއްވެސް ފަރާތަކަށް ލިބިދީފައިނުވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ. ސުޕްރީމް ކޯޓުން މިހެން ބުނެފައިވަނީ ކައުންސިލަރުންގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ދެއްވާފައިވާ އިސްތިޝާރީ ލަފާގަ އެވެ.
ގާނޫނު އަސާސީގެ ބެލެނިވެރި ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ބުނެ، އަމިއްލައަށް މީގެކުރިން އެ ކޯޓުގެ ގިނަ ބާރުތަކެއް ހޯދާފައިވާ ޝަކުވާއަކީ ގާނޫނީ ބޭފުޅުންގެ މެދުގައި ބޮޑު ކަންބޮޑުވުމެކެވެ. ސުޕްރީމް ކޯޓަކީ ވެސް ގާނޫނު އަސާސީއިން އުފައްދާފައިވާ ތަނަކަށްވާއިރު ގާނޫނު އަސާސީގެ ބެލެނިވެރިކަން ސުޕްރީމް ކޯޓަށް ލިބެނީ ކިހިނެއްތޯ ގާނޫނީ ބޭފުޅުން ސުވާލު އުފައްދަވަ އެވެ. ބެލެނިވެރި ފަރާތަކަށްވުމަކީ ގާނޫނު އަސާސީއަށްވުރެ ސުޕްރީމް ކޯޓު މަތިވުން ކަމަށް ވެސް ބުނަމުންދިޔަ އެވެ.
މުޅިން އާ ފަނޑިޔާރުންތަކަކާއެކު މިހާރު ސުޕްރީމް ކޯޓު އެކުލެވިގެންވާއިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްތިޝާރީ ލަފާއާއެކު، އެ އުސޫލު ވަނީ ބަދަލު ކުރައްވާފަ އެވެ. އެ ލަފާގެ މައިގަނޑަކީ ގާނޫނު އަސާސީއަކީ އެންމެ މަތީ ފަރާތް ކަމެވެ. އަދި އޭގެ ބެލެނިވެރިކަން އެއްވެސް ފަރާތަކަށް ލިބިދީފައިނުވާ ކަމެވެ.
އެ ލަފާއަކީ ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ދެއްވި ލަފާއެކެވެ. އެ ލަފާ ލިޔުއްވާފައިވަނީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. އޭގައި އެހެން ބޭފުޅުންގެ ރައުޔުތައް ވެސް ހިމަނުއްވާފައިވެ އެވެ.
ލަފާގައި ބުނެފައިވާ ގޮތުގައި ގާނޫނު އަސާސީގެ އެއްވެސް އަކުރެއް ނުވަތަ ފިއްޔެއް ވެސް ވެސް ބަދަލު ކުރެވޭނީ ގާނޫނު އަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ. އެ ބާބުގައި ބަޔާންކޮށްފައި ނެތް ގޮތަކަށް ކަމެއް ބަދަލު ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ވެސް ކޯޓުތަކަށް ވެސް އަދި ވެރިކަން ކުރާ ބާރަށް ވެސް ލިބިދީފައިނުވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަށާއި ވެރިކަން ހިންގާ ބާރަށާއި ކޯޓުތަކަށް ބާރު ލިބިދީދައިވަނީ ގާނޫނު އަސާސީއިން ސަރީހަ ބަހުން އެ ފަރާތްތަކަށް އެ ބާރެއް ދިން މިންވަރަކަށެވެ. މިއިން ކޮންމެ ފަރާތަކަށް ވެސް ކަންކަން ހިންގަންވާނީ އެ ފަރާތްތަކަށް ގާނޫނު އަސާސީއިން ދީފައިވާ ބާރުތަކުގެ ތެރޭގަ އެވެ. އަމިއްލަ ބާރެއް ހޯދުމިގެ ނުވަތަ ބާރެއް ލިބިގަތުމުގެ އިހްތިޔާރު ހަމަ މިއިން އެއްވެސް ފަރާތަކަށް ލިބިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ އަށް ވަނަ މާއްދާއިން އެނގެ އެވެ." ވަރަށް ތިލަ އިބާރާތުން ލިޔުއްވާފައިވާ ލަފާގައިވެ އެވެ.
ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލަފާ ދެއްވާފައިވަނީ މިހާރު ތިއްބެވި ކައުންސިލަރުންނާމެދު ގޮތެއް ނިންމުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ. އެކަން މިހާރު އޮތް ބިލުން ނޫންނަމަ އާ ބިލަކުން ވެސް އިސްލާހު ކުރެވިދާނެ ކަމަށް ލަފާގައިވެ އެވެ. ނަމަވެސް އޮތް ހަމައެކަނި ގޮތަކީ ގާނޫނު އަސާސީ އިސްލާހު ކުރުން ކަމަށް ލަފާގައިވެ އެވެ. އެއީ ގާނޫނު އަސާސީގައި ނެތް މުއްދަތަކަށް އެ ކައުންސިލަރުން ބޭތިއްބުމަކީ ކުރެވޭނެ ކަމަކަށްނުވާނެތީ އެވެ.
ލަފާގައި ބުނެފައިވަނީ ގާނޫނު އަސާސީއިން ލާޒިމް ކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރަން ޖެހޭ ކަމަށާއި އަދި އެކަން ނުކޮށް ދޫކޮށްލެވޭނެ އިސްތިސްނާއީ ހާލަތެއް ބުނެފައި ނެތް ކަމަށެވެ. ގާނޫނު އަސާސީއާ ހިލާފު ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށާއި ހިލާފުވާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ވެސް ވެގެންދާނީ ބާތިލް އެއްޗަކަށް ކަމަށެވެ. އެހެންކަމުން މިހާރު އޮތް ހާލަތުގައި ކައުންސިލަރުންގެ ދައުރާމެދު ގޮތެއް ނިންމައި އިންތިހާބު ފަސްކުރުމާމެދު ގޮތެއް ކަނޑައެޅޭނީ ގާނޫނު އަސާސީގައި އިސްތިސްނާއީ ހާލަތެއް ލިޔެގެން ކަމަށް ސުޕްރީމް ކޯޓުގެ ލަފާގައިވެ އެވެ.
ކޮވިޑް-19އާ ގުޅިގެން ލޯކަލް ކައުންސިިލް އިންތިހާބު ފަސްކުރުމާއެކު މި ބަހުސް ފެށިގެން ދިޔަ އެވެ. އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނުން އިންތިހާބު ފަސްކުރުމަށް ވެސް ދިޔައީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް ފަހުން ހައްލު އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް އެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއެކު ކޮމިޝަނުން އިންތިހާބު ފަސްކުރުމުގެ ބިލެއް މަޖިލީހަށް ފޮނުވި އެވެ. ނަމަވެސް ސަރުކާރުން ބޭނުންވީ ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.
އެކަމަށް ގިނަ މެންބަރުން ދެކޮޅު ހަދައި ގާނޫނަކުން އެކަން ކުރުމުގެ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ކައުންސިލަރުންގެ ދައުރާމެދު ގާނޫނު އަސާސީއަށް ބަދަލު ނެގެނެސް ބަދަލެއް ނުގެނެވޭނެ ކަމަށް ބަންޑާރަ ނައިބާއި މަޖިލީހުގެ ގާނޫނީ ލަފާ ދެއްވާ ބޭފުޅާ ވިދާޅުވުމާއެކު އަނެއްކާވެސް އެ ބަހުސް މަޖިލީހުގައި ފެށި އެވެ. ދެން ވެސް ބައެއް މެންބަރުން ގާނޫނު އަސާސީ އިސްލާހު ކުރުމަށް ދެކޮޅު ހެއްދެވި އެވެ. އެހެންވެ ސުޕްރީމް ކޯޓުގެ ލަފާއަކަށް ދިޔައީ އެވެ. ސުޕްރީމް ކޯޓުގެ ލަފާގައި ވެސް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބުނެފައިވާތީ، ކުރިން ދެކޮޅު ހެއްދެވި މެންބަރުން މިހާރު ވަނީ އެކަމަށް ތާއިދު ކުރައްވާފަ އެވެ. ނަމަވެސް ގާނޫނު އަސާސީ އިސްލާހު ކުރާނެ ގޮތާމެދު އަދިވެސް ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފަ އެވެ.