ގާނޫނު އަސާސީ އިސްލާހު ކުރުން

"ގާނޫނު އަސާސީގައި ބުނާ ހައްލު ނުހޯދައި ބަދަލު ގެންނަނަމަ އޭގެ ބޭނުމެއް ނެތް"

ގާނޫނު އަސާސީގައިވާ ގޮތަށް އަމަލު ނުކޮށް ކޮންމެ ފަހަރަކު ގާނޫނު އަސާސީ އިސްލާހު ކުރާނަމަ އޭގެ ބޭނުމެއް ނެތް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މުނައްވަރު މިހެން ވިދާޅުވިއިރު، ގާނޫނު އަސާސީއަށް ހަ ވަނަ އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު ރައްޔިތުންގެ މަޖިލީހުން ވަނީ ފަށާފަ އެވެ. އެ އިސްލާހު ގެންނަނީ ލޯކަލް ކައުންސިލް އިންތިހާބު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތް އޮތުމުން ނުބޭއްވި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާތީ އެވެ.

އިސްލާހު ގެންނަނީ އިންތިގާލީ މާއްދާއެއް އިތުރުކޮށް، މިހާރު ތިބި ކައުންސިލަރުންގެ ދައުރު، އިންތިހާބެއް ބޭއްވެންދެން ދެމިގެންދާ ގޮތަށެވެ.

މުނައްވަރު އެކަމަށް އިޝާރަތް ކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމެއް ދިމާވާ ކޮންމެ ފަހަރަކު ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް އަމަލު ނުކޮށް ގާނޫނު އަސާސީއަށް ބަދަލު ގެންނަނަމަ، ގާނޫނު އަސާސީގެ ބޭނުމެއް ނެތް ކަމަށެވެ.

މުނައްވަރު އެ އިޝާރާތް ކުރެއްވީ މި މައްސަލާގައި ސުޕްރީމް ކޯޓުން ހައްލެއް ނުހޯދުން ކަމަށް ބެލެވެ އެވެ. ކުރީގެ ދެ އުއްތަމަ ފަނޑިޔާރުން ވެސް ވަނީ އެފަދައިން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ވިދާޅުވި ގޮތުގައި ވަގުތީ ހައްލެއް ހޯދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ކޮންމެ ފަހަރަކު ވެސް އެ ދެވެނީ ދުސްތޫރީ ހަޔާތަށް ލޮޅުމެކެވެ. އަހުމަދު އަބްދުﷲ ޑރ. ދީދީ ވިދާޅުވި ގޮތުގައި މިހާރު މިއޮތީ ދުސްތޫރީ ޑިސްޕިއުޓެކެވެ. އެއަށް ބޭނުން ވަނީ ދުސްތޫރީ ހައްލެކެވެ.

ޑރ. ދީދީ ވިދާޅުވާ ގޮތުގައި، އިންތިހާބުތައް ބޭއްވުމުގެ ބާރު ގާނޫނު އަސާސީއިން އިލެކްޝަން ކޮމިޝަނަށް ޑެލިގޭޓްކޮށްފައިވާއިރު، އެ ބޭއްވުމުގައި ޑިސްޕިއުޓެއް އުފެދިއްޖެނަމަ، އެކަން ބެލުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށެވެ. ކޮންސްޓިޓިއުޝަނަލް ޑިސްޕިއުޓްތަކަށް ފަރުވާ ދިނުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަކަށްކަން އެއީ ޝައްކެއް ވަސްވާހެއް ނެތް ފަދަ ސާފު ކަމެއްކަން ޑރ. ދީދީ ފާހަގަ ކުރައްވާފައިވެ އެވެ.

ނަމަވެސް މިހާރު އޮތް ސުޕްރީމް ކޯޓުން އެ ގޮތެއް ގަބޫލެއް ނުކުރި އެވެ. އެ ކޯޓުން މަޖިލީހަށް ދިން އިސްތިޝާރީ ލަފާގައި ބުނީ މި ހާލަތުގައި އޮތް ހަމައެކަނި ހައްލަކީ ގާނޫނު އަސާސީއަށް އިސްލާހު ގެނެއުން ކަމަށެވެ.

އިސްތިޝާރީ ލަފާގައިވާ ގޮތުގައި ގާނޫނު އަސާސީގައި ވަކި ކަމެއް ނުވަތަ ވަކި އިންތިޒާމްތަކެއް ލިޔެފައިވާއިރު އެއަށް އަމަލު ކުރުމަކީ ލާޒިމް ކަމެކެވެ. މިހާރު ތިއްބެވި ކައުންސިލަރުންގެ އުމުރަކީ ތިން އަހަރު ކަމަށް ލިޔެފައިވާއިރު، އެ މުއްދަތު ހަމަ އެ މުއްދަތަށް ހަމަވާނެ އެވެ. އެ މުއްދަތު ބަދަލު ކުރެވޭނެ ހަމައެކަނި މަގަކީ ގާނޫނު އަސާސީއިން ބަދަލުކުރުމެވެ. ގާނޫނު އަސާސީގެ އެއްވެސް އަކުރެއް ނުވަތަ ފިއްޔެއް ވެސް ބަދަލު ކުރުމުގެ ބާރު ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިދީފައިނުވާ ކަމަށެވެ. އެހެންކަމުން ވަކި މުއްދަތެއް ކަނޑައަޅާފައި އޮތް ބައެއްގެ މުއްދަތު އިތުރު ކުރުމަކީ މަޖިލީހަށް ގާނޫނަކުން ނުވަތަ ކޯޓަކަށް ހުކުމަކުން ކުރެވޭނެ ކަމެއް ނޫންކަން ހުސްނުއްސުއޫދު ފާހަގަ ކުރައްވާފައިވެ އެވެ.

އެހެންވެ، ފަސް ފަނޑިޔާރުންގެ ލަފާފުޅަކީ، ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލު ގެނެސް ނޫންނަމަ، 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނައިގެން، ހާލަތު ރަނގަޅު އިންތިހާބު ބޭއްވޭނެ ހާލަތެއް އައުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާނެ ކަމަށް ލިޔުމަށެވެ. އެގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް މިރޭ ދަންވަރު ވޯޓަށް އަހާނެ އެވެ.