ހަބަރު

ކޮންމެ އެއްޗެއް ލިޔުނަސް މީޑިއާއެއް ގޮވައިގެން ކޯޓަކަށް ނުދާނަން: ނިހާން

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާ ބެހޭ ގޮތުން މީޑިއާތަކުގައި ކޮންމެ ހަބަރެއް ލިޔުނަސް އެ މީޑިއާއެއް ގޮވައިގެން ކޯޓަކަށް ނުދާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އޭނާއަކީ ދިވެހި ހުރިހާ މީޑިއާއަކާ ވެސް ވަރަށް ގާތުން، ގުޅިގެން މަސައްކަތް ކުރާ މީހެއް ކަމަށާއި ނަމަވެސް ދާދި ފަހުން ނޫހެއްގައި އޭނާއަކީ ވަގެއް ކަމަށް ބުނެ ހަބަރެއް ޖަހާފައިވާ ކަމަށެވެ. އެއީ އަބުރު ރައްކާތެރިކުރުމުގެ ގާނޫނާއި އެހެން ގާނޫނުތަކުން ވެސް އެ މީޑިއާއާ ދެކޮޅަށް ދައުވާ ކުރެވިދާނެ ފަދަ މައްސަލައެއް ކަމަށާއި ނަމަވެސް ނޫސްވެރިޔަކު ގޮވައިގެން ކޯޓަށް ދާން ބޭނުން ނުވާތީ އެކަން ނުކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ.

"ކަނޑައެޅިގެން ފާޅުގައި ކާކުކަން ނޭންގޭ ގޮތަށް ޓްވިޓާގައި އަޅުގަނޑަށް ވަގަށް ގޮވާފައި އޮތީމަ އެ ވާހަކައިން ވެސް ހަބަރު ހަދާފައި ލިޔެފައި އޮތީ އަޅުގަނޑަކީ ވަގެކޭ، ކަނޑައެޅިގެން އެ ލަފްޒު ބޭނުންކޮށްފައި ވަނީ، އަޅުގަނޑު ނުދަން އެ މީޑިއާ ގޮވައިގެން ކޯޓަކަށް،" ނިހާން ވިދާޅުވި އެވެ.

ހަމަ އެގޮތަށް އެހެން މީޑިއާއަކުން ވިޔަސް ނިހާންއޭ ކިޔައިގެން ކޮޮންމެ ފަދަ އެއްޗެއް ލިޔުއްވި ނަމަވެސް އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެ މީޑިއާއަކަށް ދައުވާ ކުރުމަށް ކޯޓަކަށް ނުދާނެ ކަމަށާއި ނަމަވެސް މީޑިއާތަކުން ވެސް ސަމާލުވެވަޑައިގަންނަވަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.