ރައްޔިތުންގެ މަޖިލީހަށް އަންނަ ދައުރުގައި 87 މެންބަރުން އައްޔަން ކުރަންޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަން، އީސީއިން ބުނެފި އެވެ. އާބާދީއަށް އައި ބަދަލާއެކު ދެ މެންބަރަކު އިތުރު ކުރަން ޖެހެނީ މާލެ ސިޓީއަށް ކަމަށް ކޮމިޝަނުން ބުންޏެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 85 މެންބަރުންނެވެ. މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހަކަށް ނުވަތަ ފަސް ހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންގެ އުސޫލުންނެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސް ހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނުގެ ދަށުން މިއަދު އިލެކްޝަން ކޮމިޝަނުން އާންމުކުރި ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިހާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓްގައިވާ ގޮތުން އިންތިހާބީ ދާއިރާތައް އިދާރީ ދާއިރާތަކަށް ބެހުމަށް މުރާޖައާ ކުރިއިރު އިދާރީ ދާއިރާތަކުގެ އާބާދީއަށް އައިސްފައިވާ ބަދަލާ
ގުޅިގެން ދެ އިންތިހާބީ ދާއިރާ ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން އިތުރު ކުރެވިފައިވަނީ މާލެ ސިޓީއަށް ކަމަށެވެ. މިހާރު މާލޭގައި ތިއްބަވަނީ 13 މެންބަރުންނެވެ.
ރިޕޯޓްގައިވާ ގޮތުން މިހާރު މާލޭގެ އާބާދީއަކީ 70977 އެވެ. މި ނިސްބަތުން 15 ޕަސެންޓްގެ އެންމެ ދަށަށް ވުރެމަތީ އަދަދުގެ ތެރެއިން ބަލައި އިދާރީ ދާއިރާ ބެހެނީ 15 ދާއިރާއަށެވެ. ދާއިރާއަކަށް 4300 މީހުންގެ ނިސްބަތުންނެވެ. އެންމެފަހުން 2014 ވަނަ އަހަރު އިންތިހާބު ބޭއްވިއިރު މާލޭގެ އާބާދީއަކީ 63،000 މީހުންނެވެ.
މާލެއަށް ދެ މެންބަރުން އިތުރު ކުރަން ޖެހުނު ނަމަވެސް މެންބަރެއް އިތުރުކުރަން ޖެހޭ ވަރުގެ ބަދަލެއް އާބާދީއަށް އެހެން އެއްވެސް އަތޮޅެއްގައި ރިޕޯޓްގައިވާ ގޮތުން އައިސްފައެއް ނުވެ އެވެ. ނަމަވެސް މިއީ ވަގުތީ ރިޕޯޓެއް ކަމުން އަދިވެސް މި އަދަދު ބަދަލުވުމުގެ ފުރުސަތު އޮންނާނެ އެވެ.
އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދާއެކު ފައިނަލް ރިޕޯޓް އިލެކްޝަން ކޮމިޝަނުން އާންމުކުރަން ޖެހޭނީ ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ދައުރު ހަމަވުމުގެ 150 ދުވަސް ކުރިންނެވެ.
ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް 21 ދުވަހުގެ ނިޔަލަށް ޕާޓީތަކަށާއި އާންމުންނަށް އޮންނާނެ އެވެ. ޝަކުވާއާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ ގާނޫނުގައިވާ ގޮތުން ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ އެވެ.