ދުނިޔެ

އިހުލާސްތެރިކަމެއް ނެތް ކަމަށް ބުނެ ޓްރަމްޕްގެ ދައުވަތު އިރާން ގަބޫލެއް ނުކުރި

Aug 1, 2018

ޓެހެރާން (ޖުލައި 31) - އެއްވެސް ޝަރުތެއް ނެތި އީރާނުގެ ވެރިންނާ ބައްދަލު ކުރަން ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެ މަޝްވަރާއަށް ނުސީދާ ގޮތުން ދެއްވި ދައުވަތު، އިރާނުން ގަބޫލު ނުކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

އިރާނުގެ ތެޔޮ ބޭރު ކުރުމަށް އެމެރިކާ އިން ހުރަސް އެޅުމާއި ގުޅިގެން ދެގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތަކާއި ތަފާތު އިންޒާރުތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި، ކުއްލި ގޮތަކަށް ޓްރަމްޕް ދެއްވި ދައުވަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް އިރާނުން ވަނީ ބުނެފަ އެވެ.

އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ބަހުރާމް ގަސޭމީ ވިދާޅުވި ގޮތުގައި، މަޝްވަރާ ކުރަން ބޭނުންނަމަ އިރާނާއި ދެކޮޅަށް ފިޔަވަޅު އަޅާ، ގައުމަށް ދަތިކުރުމަށް މަސައްކަތެއް ނުކުރާނެ ކަމަށެވެ.

"ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ޕްރެޝަރު ކުރުމަކީ މަޝްވަރާ ކުރުމުގެ ދިމާ އިދިކޮޅު،" ބަހުރާމް ވިދާޅުވިކަމަށް އިރާނުގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

ޓްރަމްޕްގެ ސަރުކާރުން ވަނީ ސިޔާސީ އަދި އިގްތިސޯދީ ގޮތުން އިރާނު އިތުރަށް އެކަހެރި ކޮށްލުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ. މިގޮތުން އަންނަ ނޮވެމްބަރު މަނުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އިރާނާއި ވިޔަފާރީގެ ގޮތުން ގުޅުން އޮންނަ ހުރިހާ ފަރާތްތަކުން އެ ގުޅުން އެއްކޮށް ކަނޑާނުލައިފިނަމަ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ވަނީ ދީފަ އެވެ.

އެމެރިކާގެ އެ ނިންމުމާއި ގުޅިގެން، މުޅި ސަރަހައްދުން ތެޔޮ ބޭރުކުރުމަށް ހުރަސްއަޅާނެކަމުގެ އިޝާރާތެއް އިރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ކުރައްވާފަ އެވެ.

އިރާނުގެ ނިއުކްލިއާ ޕްރޮގްރާމު ހުއްޓުވުމަށް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަންފެށީ، 2015 ވަނަ އަަހަރު ހަ ގައުމާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު އެވެ.