ހަބަރު

ދެ އަރަށްވުރެ ގިނަ ދުވަސްފަހުން ގާޒީ ހަސަން ސައީދުގެ ސަސްޕެންޝަން އުވާލައިފި

ސަސްޕެންޑް ކުރިތާ 2 އަހަރާއި ފަސްމަސްދުވަސް ފަހުން ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދުގެ ސަސްޕެންޝަން ޖޭއެސްސީން އުވާލައިފި އެވެ.

މުއްދަތެއް ނެތް ގޮތަށް 2016 ވަނަ އަހަރުގެ ފެބުރުއަރީމަހު އިސްގާޒީ ހަސަން ސަސްޕެންޑް ކުރީ ފެމިލީކޯޓުގެ ސީނިއާ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި، އޭރު ހައިކޯޓަށް ޖޭއެސްސީން އައްޔަންކުރި ދެ ފަނޑިޔާރުންނަކީ ދުނިޔޭގައިތިބި އެންމެ ކޮރަޕްޓް ދެ ފަނޑިޔާރުން ކަަމަށާއި، އެ މީހުން އެހުރިހާ ކަމެއް ކުރަނީ ހިޔާ ބޮޑު ގަހެއްގެ ދޮށުގައި ތިބެގެން ކަމަށް ވިދާޅުވެފައިވާ ކަމަށްބުނެ އެވެ.

ޖޭއެސްސީން އޭރު ބުނީ އެ ކޮމިޝަނުން އިސްގާޒީ ހަސަން ސަސްޕެންްޑް ކުރަން ނިންމީ، އޭނާ އާއި، ބެހޭގޮތުން އެ ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ޝަކުވާއަކާ ގުޅިގެން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު ގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަހުގީގު ކޮމެޓީން އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ނިންމުމުން އެކަމާ ގުޅޭގޮތުން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށެވެ.

އިސްގާޒީ ހަސަންވަނީ އޭނާ ސަސްޕެންޑް ކުރި މައްސަލަ ސިވިލްކޯޓަށްވެސް ހުށަހަޅާފައެވެ. އެހެން ނަމަވެސް ހަސަން ވަނީ އެ މައްސަލަ ފަހުން އަނބުރާ ގެންގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިސް ގާޒީ ހަސަން ސައީދުގެ ސަސްޕެންޝަން އުވާލާފައިވަނީ ޖޭއެސްސީން އެމައްސަލަ ނުބެލުމަށް ނިންމުމުންނެވެ. އިސް ގާޒީ ހަސަން ވަނީ ސަސްޕެންޝަން އުވާލުމާއެކު ވަޒީފާއަށް ނިކުންނަން ފައްޓަވާފައެވެ.