ލައިފްސްޓައިލް

ކަރާގެ ފޮނި ކަމާ އެއްވަރު ހިތިކަން!

Jun 3, 2015

ހިތުގެ ބަލި ތަކާއި، ބަރުދަން ލުއި ކުރުމަށް އެހީވެދޭ ކަރައަކީ ރޯދަމަހުގެ "ފްރުޓް އޮފް ދަ މަންތް" އެވެ. ކަރައަކީ ކައިއުޅޭ މޭވާ އެއް ކަމުގައިވީ ނަމަވެސް ރޯދަމަހުގައި ނޫނީ ގަވައިދުން ނުކެވޭ އެއްޗެކެވެ. ހަވީރު ފިނި ބުރު ޖަހާލަން ދާއިރު މުޅި މާހައުލުގައި ހުންނަނީ ކަރާގެ ވަސް ހިފާފައޭ ބުނި ކަމުގައިވިޔަސް ދޮގަކަށް ނުވާނެއެވެ. ކޮންމެ އަގެއްގައި ވިއްކަން ހުއްޓަސް، ހޫނު ގަދަ އަވީގައި ކިޔު ލައިނުގައި މަޑު ކޮށްގެން ވިޔަސް ކަރައެއް ލިބޭތޯ ބަލަން ޖެހެއެވެ. ކަރާ ފަނި ގިރާފަ، ހުސް ފެން ފުޅި ދެތިން ފުޅިއަށް ނުލާ ބަޔަކު އަތުން ގުނާލެވޭހާ މަދެވެ. ބިސްމި އާއި އެއްކޮށް ކަދުރެއް އަނގަޔަށްލާ ދެން އެންމެ އަވަހަށް ބޮވޭ މިމޭވާ އަކީ ހަށިގަނޑުގެ ފިނިހޫނުމިން ދަށްކޮށްދީ، ވިޓަމިން އޭ، ސީ، ބީ6 އަދި ޕޮޓޭސިއަމް އިން ފުރިގެންވާ މޭވާއެކެވެ.

ކަރާއަކީ އޭގެ ޒާތުގައި ކިތަންމެ ފައިދާތަކެއް އެކުލެވިގެންވާ މެލަން އެއްކަމުގައި ވީނަމަވެސް ކޮންމެ އެއްޗަކީވެސް އެ ބޭނުން ކުރަންވާ މިންވަރަށް ވުރެ ގިނައިން ބޭނުން ކުރެވިއްޖެނަމަ ހަށިގަނޑަށް ނުރައްކަލަކަށް ވެދާނެ އެއްޗެކެވެ.

ކަރައަކީ "ލައިކޯޕީން" ކިޔާ މާއްދާއެއް އެކުލެވިގެންވާ މޭވާއެކެވެ. "ލައިކޯޕީން' އަކީ ހިތުގެ މަސައްކަތްތަށް ރަނގަޅުކޮށްދޭ، ކެންސަރުގެ ބަލި ތަކަށް އެހީ ވެދޭ ޕިގްމެންޓެއް ކަމުގައިވީ ނަމަވެސް ދުވާލެއްގެ މައްޗަށް 30 މިލިގްރާމް ނޫނީ އެއަށްވުރެ ގިނައިން ބޭނުން ކުރެވިއްޖެނަމަ ހަށިގަނޑަށް ގެއްލުމެއްގެ ގޮތުގައި ބެލެވޭ އެއްޗެކެވެ.

އަބަދުވެސް ލޭދަށް މީހެއްކަމުގައި ވާނަމަ އެންމެ އެކަށިގެންވާ ގޮތަކީ ވީހާވެސް ކަރާކެއުން މަދުކޮށް ނޫނީ އެއްކޮށް ކަރާ ކެއުން ހުއްޓާލުމެވެ. ސަބަބަކީ އޭގެ ސަބަބުން ބްލަޑް ޕްރެޝާ ވަރަށް ބޮޑަށް ދަށްވާތީއެވެ.

އަޅުގަނޑުމެންގެ ތެރެއިން އެންމެންނަކީވެސް ވީހާވެސް ފައިދާ ހުންނަ ކާނާ ކެވޭތޯ ބަލާ، ބަރުދަން ލުއިކުރަން ބޭނުންވާ ބައެކެވެ. ބަރުދަން ލުއިކުރުމަށްޓަކައި ވީހާވެސް ގިނައިން މޭވާ އާއި ތަރުކާރީ ކެވޭތޯ ބަލާ ބައެކެވެ. އެހެންނަމަވެސް ކިތަންމެ ފައިދާއެއް ލިބިގެން ވާކަމުގައި ވީނަމަވެސް ކޮންމެ އެެއްޗަކީވެސް ލިމިޓުން ބޭރުވެއްޖެ ހިނދެއްގައި ގެއްލުމެއް ނުވެ ނުދާނެ އެއްޗެކެވެ.