ވިޔަފާރި

ފުރަތަމަ ތިން މަހު ޓޫރިޒަމް އޮކިއުޕެންސީ 75 ޕަސެންޓުގައި

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި (ފުރަތަމަ ތިން މަހު) ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕެންސީ 70 ޕަސެންޓުން، 75 ޕަސެންޓަށް މަތިވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ފުރަތަމަ ތިން މަހުގެ "ކުއާޓަލީ ބިޒްނަސް ބްލެޓިން" ގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގެ ކެޕޭސިޓީ އިތުރުވެފައިވީ ނަމަވެސް، ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު އިތުރުވެފައިވާތީ، މި ސިނާއަތުގެ އެވްރެޖް އޮކިއުޕަންސީ ރޭޓް ވަނީ މިދިޔަ އަހަރު 70 ޕަސެންޓުގައި ހުރުމަށްފަހު މި އަހަރު އަހަރުގެ ފުރަތަމަ ކުއާޓަރުގައި 75 ޕަސެންޓަށް އަށް އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ބުނީ ޓޫރިޒަމް ދާއިރާ ކުރިއަރާފައިވާ މިންވަރު ދެނެގަންނަ މުހިންމު މިންގަނޑުތަކަށް ބަލާއިރު، ރާއްޖެ އަށް ޓޫރިޒަމް ޒިޔާރަތްކުރި އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެ، މި އަދަދު ފާއިތުވެދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 17 ޕަސެންޓް ކުރިއަރާފައިވާއިރު، ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ވަނީ 18 ޕަސެންޓް ގެ ކުރިއެރުމެއް ހޯދާފަ އެވެ. ނަތީޖާއެއްގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީގެ ގޮތުގައި 993.5 މިލިއަން ޔޫއެސް ޑޮލަރު ލިބިފައިވާ ކަމަށް އަންދާޒާކުރެވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 20 ޕަސެންޓް އިތުރު އަދަދެކެވެ.

މަރުކަޒީ ބޭންކުން ބުނީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓް ކަމުގައިވާ ޔޫރޯ ސަރަހައްދާއި އިނގިރޭސިވިލާތުގެ އިގްތިސާދު ކޮންމެވެސް މިންވަރަކަށް މަޑުޖެހިގެންދާނެކަމަށް މިހާރު ލަފާކުރެވޭތީ، މި މާކެޓްތަކުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ މިންވަރު މަޑު ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ޓޫރިޒަމް ދާއިރާގެ ތަސައްވުރަށް ބަލާއިރު، އަހަރުގެ ތެރޭގައި ރާއްޖެ އާއި އެހެން ގައުމުތަކާއި ދެމެދު ކުރާ ވައިގެ ދަތުރުތައް އިތުރުވެ އަދި މި އަހަރުގެ ޕީކް ސީޒަނާ ދިމާކޮށް އިތުރު އާ ފްލައިޓްތައް ފެށުމަށް ހަމަޖެހިފައިވުމާ ގުޅިގެން އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އަދަދާއި ފަތުރުވެރިން ހޭދަކުރާ ރޭގެ އަދަދު އިތުރުވެގެންދާނެކަމަށް ލަފާކުރެވެ އެވެ،" އެމްއެމްއޭއިން ބުނެފައިވެ އެވެ.

އެމްއެމްއޭގެ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ސިނާއަތަށް ވަނީ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. މީގެ މައިގަނޑު ސަބަބަކީ، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމުތަކުގެ އިގްތިސާދީ ހާލަތު ރަނގަޅުވެފައި ވުމާއި ރާއްޖެއާއި އެހެން ގައުމުތަކާއި ދެމެދު ކުރާ ވައިގެ ދަތުރުފަތުރު އިތުރުވުމެވެ. މިގޮތުން، ޔޫރަޕް އަދި އޭޝިއާގެ ގައުމުތަކާއި ދެމެދު އާ ފްލައިޓްތައް އޮޕަރޭޓްކުރަން ފެށި، މިހާރު ވެސް އޮޕަރޭޓްކުރަމުންދާ ގިނަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ކުރާ މިންވަރު ވަނީ މި މުއްދަތުގެ ތެރޭގައި އިތުރުކުރުކޮށްފައިވުމެވެ.