ހަބަރު

ރަށްތައް ފަޅެއްވެސް ނުކުރާނަން، މާލެ ތޮށް ނުޖައްސާނަން: މުއިއްޒު

މާލެ ކައިރީ ދެ ފަޅެއް ހިއްކައިގެން ތިން ލައްކަ މީހުންގެ އާބާދީއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިއުލާންކޮށްފައިވާ "ވިލިމާލެ ދޭއް" މަޝްރޫއުގެ މަގްސަދަކީ ރަށްތައް ފަޅުކޮށް، މާލެ ތޮއްޖެއްސުން ނޫންކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިވަގުތު ހުރި ހައުސިން މައްސަލަތަކުގެ "ޔަގީން ހައްލު" ގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ވިލިމާލެ ދޭއް މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުއިޒް މިއަދު ވިދާޅުވީ، މާލެ ސަރަހައްދު ތަރައްގީކުރުމަކީ ރަށްތައް ފަޅުވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި މާލޭގެ ތޮއްޖެހުން ވެސް އެތައް ގުނަ ކުޑަވެގެންދާނެ ކަމެއް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަން ފެށުނު ހިސާބުން ރާއްޖޭގެ އެއްވެސް ރަށެއް ބާކީ ނުކޮށް ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ މަޝްރޫއުތަކާއި ވަސީލަތްތައް ރަށްރަށުގައި ގާއިމްކޮށް، އެއާޕޯޓުތައް ރާއްޖޭގެ އެކި ހިސާބުގައި ތަރައްގީކޮށް ތައުލީމީ ނިޒާމް ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް ފަށައި ކުރަމުން ދާއިރު އޭގެ ބޭނުމަކީ ރައްޔިތުންނަށް ރަށްރަށުގައި ހަމަޖެހިގެން ތިބެވޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އެހެންކަމުން މާލެ ސަރަހައްދު ތަރައްގީ ކުރިޔަސް ރަށްރަށުގެ މީހުން މާލެ އަަންނަން މަޖުބޫރެއް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެރަށެއްގެ ރައްޔިތުން އެރަށެއްގައި އުޅެން ބޭނުންވާނަމަ، މިހާރުވެސް އެދަނީ އެ ވަސީލަތްތައް ގާއިމްކޮށްދެއްވަމުން. އެއާޕޯޓްތައް ވެސް އެ އަޅަނީ. އެހެންވީމަ އެންމެ ކުޑަ ރަށުގައި ވެސް އެންމެ ދުރު ރަށުގައި ހުންނަ މީހާއަށް ވެސް މާލެއަށް ފުރައިގެން ދިއުމުގެ ފަސޭހަކަން ވެސް އެބަ ފަހިކޮށްދެއްވާ. އެހެންވީމަ އެއްވެސް ރަށެއް ފަޅުކޮށްލުމުގެ ވިސްނުމެއްވެސް މިއަކު ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

އާބާދީގެ ބޮޑު ބައެއް މާލެއަށް ބަރޯސާވުމުގެ ސަބަބުން ނުކަތާ ވަރަށް މީހުން ތޮށްޖެހި މަގުތަކާއި ހޮސްޕިިޓަލްތަކުގެ ބުރަ މާލެއަށް ބޮޑުވެފައިވާއިރު، މިނިސްޓަރު މިއަދު ވިދާޅުވީ، އަލަށް ތަރައްގީކުރާ ވިލިމާލެ ދޭކާއެކު މާލޭގެ ތޮއްޖެހުން އެތައް ގުނަ ކުޑަވެގެންދާނެ ކަމަށެވެ. މާލޭގެ ކުދި ތަންތަނުގައި ހާލުގައި އުޅެމުންދާ ގިނަ ބަޔަކު މިތަންތަނަށް ބަދަލުވެ ހަމަޖެހުމެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.

"މާލޭގައި އެބަ އުޅޭ ވަރަށް ގިނަ މީހުން. އެއްލައްކަ ނޫނީ ދޮޅުލައްކަ މީހުން. މިވަރަށް އުޅޭ ތަނަކަށް ބޮޑު ލުޔެއް ނޫންތޯ އަންނާނީ މާލެ ސަރަހައްދު މުޅިން އެއްކޮށް ބަދަލުވެގެން ދިޔައިމަ. ތޮށްޖެހުން އަނެއްކޮޅަށް ބަދަލުވާނީ.. ނޭފަތުކުރިއާ ހަމައިން ވިސްނީމަ މިކަން ހަމަޖެހޭ ސިޔާސަތަކަށް ނުވާނެ،" މުއިޒް ވިދާޅުވި އެވެ.

މުއިޒް މިހެން ވިދާޅުވި އިރު ޒަމާނީ ސިޓީއެއްގެ ގޮތު ހުޅުމާލެ ދޭއް ތަރައްގީކޮށް އެތަނުގައި 100،000 މީހުންގެ އާބާދީއެއް ގެންނަން ސަރުކާރުން މިހާރުވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެހެންކަމުން ވިލިމާލެ ދޭއް ނިންމައި އެތަން ޒަމާނީކޮށް ތަރައްގީކޮށް، 300،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމާފައިވާއިރު މުޅި ރާއްޖޭގެ އާބާދީއަކީ ގާތްގަނޑަކަށް 400،000 ލައްކަ އެވެ.

މުއިޒް ވިދާޅުވީ، މި މަޝްރޫއުގެ ފޮރުވިފައިވާ ހިކުމަތް ފަހުމްވާނީ ތިލަކޮށް ވިސްނުމުގެ ބަދަލުގައި ވިޝަނަރީ ވިސްނުމަކުން ވިސްނާލުމުންނެވެ.

"އާންމުކޮށް މި ވިސްނެނީ ލޮލުގެ ކުރިމަށްޗަށް ފެންނަ ހިސާބަށް. އެއަށްވުރެ ދުރު ވިސްނުމެއް ގިނަ ބޭފުޅުންގެ ނުހުންނާނެ. އެހެން ނަމަވެސް ވިޝަނަރީ ބޭފުޅުންނަކީ އެތަށްތަނެއް ކުރިއަށް ވިސްނަވާ ބޭފުޅުން. ކުރިއަށް އޮތް އެތައް އަހަރެއް ކުރިއަށް ބޭނުންވާނެ ކަންތައްތަކަށް ވިސްނަވައިގެން ގައުމެއް ތަރައްގީކުރެވޭނީ. ހަމައެކަނި މާދަމައަށް ވިސްނައިގެން ގައުމެއް ތަރައްގީއެއް ނުކުރެވޭނެ،" މުއިޒް ވިދާޅުވި އެވެ.

ވިލިމާލެ ދޭއްގެ މަޝްރޫއަކީ މާލެއާއި ކައިރީގައިވާ ދެ ފަޅެއް ހިއްކައިގެން އެތަން އާބާދުކުރުމުގެ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މުޅި ގުޅީފަޅު ހިއްކާލެވޭނެ އެވެ. އެއީ 230 ހެކްޓަރެވެ. އެ ބިމުން 130 ހެކްޓަރުގައި 1000 އަކަފޫޓްގެ 82000 ފްލެޓް އަޅާނެ އެވެ. އަދި ޒަމާނީ ސިޓީއެއްގެ ހުރިހާ ސިފަތަކަކާއެކު އެތަން ތަރައްގީކުރާނެ އެވެ. އަދި މާލެ ކައިރީގައި އޮންނަ ފުށި ދިއްގަރު ފަޅުވެސް ހިއްކާނެ އެވެ. އެއީ ގާތްގަނޑަކަށް 800 ހެކްޓަރެވެ. އެހެންކަމުން ހިޔާ އެކޮމްޕްލިޝް މަޝްރޫއުގެ ދަށުން ޖުމްލަ 1000 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.