މުއާސަލާތީ ހިދުމަތަށް އަތްފޯރާ ފަށުގައި ދީ، ރާއްޖޭގައި އޮތް ޑިޖިޓަލް ފަރަގު ކުޑަކުރުމަކީ މުހިންމު އަމާޒެއް ކަމަށް އުރީދޫގެ ސީއީއޯ ނަހީބު ހާން ވިދާޅުވެއްޖެ އެވެ.
އުރީދޫގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސީއީއޯ ނަޖީބު ނެރުއްވި ބަޔާނުގައި ވިދާޅުވީ ޓެކްނޮލޮޖީގެ މުހިއްމުކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު، އަތްފޯރާފަށުގައި މުވާސަލާތީ ހިދުމަތްތަކާއި ވަސީލަތްތަށް ފޯރުކޮށްދީގެން ރާއްޖޭގައި އޮތް ޑިޖިޓަލް ފަރަގު ކުޑަކުރުމަކީ އެއް އަމާޒު ކަމަށެވެ. ހަމައެއާއި އެކު، ޑިޖިޓަލް ހިދުމަތްތަކަށް އެންމެހާ ބޭފުޅުން އަހުލުވެރިކޮށް، ޑިޖިޓަލް ދުނިޔޭގެ ފައިދާ ލިބިގަތުމުގެ ފުރުސަތު ދިނުމަށްޓަކައި އުރީދޫ އިން ދަނީ އިންޓަނެޓް ސޭފްޓީ ޕްރޮގްރާމާއި އިސް ރަށްވެހިންނަށް ޑިޖިޓަލް ކަންކަން އުނގަންނައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދަމުންދާ ކަމަށެވެ.
"ރާއްޖޭގެ ޑީޖިޓަލް ދާއިރާގައި، ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް މުޖުތަމައުތައް ގުޅުވައިދީ، ކުރިއެރުމަށް ހުރި އާ ފުރުސަތުތައް ފަހިކޮށްދީގެން އުރީދޫއިން ދަނީ އެންމެ ކުރީ ސަފުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުންނެވެ. މިގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި އުރީދޫ އިން ވަނީ އިތުރުވަމުން އަންނަ މުވާސަލާތީ ބޭނުންތަކަށް އެންމެ އެކަށީގެންވާ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މުޅި ރާއްޖޭއަށް ފެތުރިފައިވާ އަދި އެންމެ ކުރިއަރާފައިވާ 4ޖީ+ ނެޓްވާރކެއް ބިނާ ކުރުމަށް މުހިއްމު އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. މި ނެޓްވަރކް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް، ދިރުއުޅުމަށް ފައިދާ ކުރާފަދަ ޑިޖިޓަލް ޚިދުމަތްތަށް ބޭނުން ކުރުމުގައި ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔަ އެވެ،" ނަޖީބު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެކި ކަސްޓަމަރުންގެ ބޭނުންތައް ވަރަށް ތަފާތުވާނެކަން ދަނެގެން، އަޅުގަނޑުމެންގެ ޓީމުން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު އެކި ހިދުމަތްތަކާއި އެކު، ކޮންމެ ކަމަކަށްވެސް އެންމެ އެކަށީގެންވާ ހައްލު ހޯދައިދިނުން ކަމަށެވެ.
"މަގޭ ޕްލޭން އާއި އުރީދޫ ނެކްސްޓް ފަދަ އީޖާދީ ހައްލުތަކާއިއެކު، ކަސްޓަމަރުން ބޭނުންވާ ގޮތަށް އުރީދޫއިން ފޯރުކޮށްދޭ ޚިދުމަތްތައް ބައްޓަންކޮށް، ކޮންމެ ވަގުތަކު ކޮންމެ ތަނަކު ހުރެގެންވެސް އުރީދޫގެ ޚިދުމަތް މިހާރު ލިބިގަނެވޭނެއެވެ،" ނަޖީބު ވިދާޅުވި އެވެ. "އަބަދުވެސް ކުރިއެރުމަށް މަސައްކަތް ކުރާ ކުންފުންޏަކަށް ވީތީ، އުރީދޫއިން ކުރާ ކޮންމެ ކަމަކީވެސް ޑިޖިޓަލައިޒޭޝަންގެ މިސްރާބަށް ކުރެވޭ ކަންކަމެވެ. މިގޮތުން. މި ޓީމުން މިދިޔަ އަހަރު އެކަނިވެސް، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަކަށް ބާރުއަޅާދޭޭ އަދި އުރީދޫ އިން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަށް ހަރުދަނާކޮށްދޭ 8 ޕްލެޓްފޯމް އެއް ވަނީ ތަޢާރަފްކޮށްފަ އެވެ."
މަގޭ ޕްލޭން އާއި އުރީދޫ ނެކްސްޓް ފަދަ އީޖާދީ ހައްލުތަކާއިއެކު، ކަސްޓަމަރުން ބޭނުންވާ ގޮތަށް އުރީދޫއިން ފޯރުކޮށްދޭ ހިދުމަތްތައް ބައްޓަންކޮށް، ކޮންމެ ވަގުތަކު ކޮންމެ ތަނަކު ހުރެގެންވެސް އުރީދޫގެ ޚިދުމަތް މިހާރު ލިބިގަނެވޭނެނަޖީބު ހާން | އުރީދޫ މޯލްޑިވްސްގެ ސީއީއޯ
އޭނާ ވިދާޅުވީ ކުރިމަގުގައި ހުރިހާ ކަމެއް ވެސް ވެގެންދާނީ ޑިޖިޓަލްކޮށް ކަމުގައި ދަނެގެން، މި ޓެކްނޮލޮޖީތަކުގެ ބޭނުން ހިފައި، ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް މުޖުތަމައު ބާރުވެރިކުރުމަށް އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"މީގެ ތެރޭގައި، ޑިޖިޓަލް ބިޒްނަސްތަށް ކުރިއެރުވުމަށް އެހީތެރިވެދޭ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް، ޔޫއެންޑީޕީ އާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ގުޅިގެން ކުރިޔަށްގެންދާ ސްމާރޓް ސިޓީ ޕްރޮޖެކްޓާއި މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ފަދަ ޑިޖިޓަލް ދުނިޔޭގައި މުޖުތަމައުގެ ފަރުދުން ބާރުވެރިކޮށްދޭ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. ހަމައެހެންމެ އުރީދޫގެ އޮންލައިން އެޑިޔުކޭޝަން ޕްލެޓްފޯމް ކަމަށްވާ އުރީދޫ ސްމާރޓް ކެމްޕަސް އާއި ކުޑަކުދިންގެ މެދުގައި ސްޓެމް މާއްދާތަކަށް އޮތް ޝައުގުވެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ސައިޓެކް ފެސްޓިވަލް ފަދަ ތައުލީމީ ހަރަކާތްތަށްވެސް އުރީދޫ އިން ދަނީ ކުރިއަށްގެންދަމުންނެވެ،" ނަޖީބު ވިދާޅުވި އެވެ.
"އުރީދޫ މި ހިސާބަށް ވާސިލްވެފައި މިވަނީ މުޖުތަމައުގެ ލޯތްބާއި ތަރުހީބާއި އެކު، ވަރަށް ދިގު ރާސްތާއެއް ކަޑައްތު ކުރުމަށްފަހުއެވެ. އީޖާދީ އަދި އައު ޓެކްނޮލޮޖީއަށް ލޯބިކުރާ މުޖުތަމައުއެއްގައި ޚިދުމަތް ފޯރުކޮށްދިނުމަކީ ޑިޖިޓަލް ކުންފުންޏަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ. ދުނިޔޭގެ އެންމެ ފަހުގެ އަދި އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިޖްތިމާއީ އަދި އިގްތިސާދީ އާ ފުރުސަތުތަކަށް މަގުފަހިކޮށްދީގެން ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަމުގެ ޔަގީންކަން އުރީދޫގެ ކަސްޓަމަރުންނަށް އަޅުގަނޑުމެން އަރުވަމެވެ،"