މޫނު ބުރުގާ އަޅާ މީހުން ވަޒީފާ އިން ވަކި ކުރާ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށާއި އެ މީހުންނަށް ވެސް ވަޒީފާތަކަށް ދެވޭ ގޮތަށް ސިވިލް ސާވިސްގެ ގާނޫނު ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އެންމެހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވިފައި އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މޫނު ބުރުގާގެ މައްސަލާގައި ވަކި އެއްޗެއް ބުނަން ޖެހޭނީ ފަތުވަ ދޭ މަޖިލީހުން ކަމަށެވެ. ނަމަވެސް ވަޒީފާއަށް ނިކުންނަ މީހުން ހެދުން އަޅަން ޖެހޭ ގޮތް ރާއްޖޭގެ ވަޒީފާތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށާއި އެތަނުގައި މޫނު ބުރުގާގެ މައްސަލައެއް ނޫޅޭ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތް ހުއްދަ ކުރާ ކޮންމެ ހެދުމެއްގައި ވަޒީފާއަށް ދެވެން ޖެހޭނެ ކަމަށާއި މައްސަލަ އުޅެނީ ގަވައިދުގައި ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެކަން ރަނގަޅު ކުރުމަކީ ސިވިލް ސާވިސް ކޮމިޝަންގެ މައްސޫލިއްޔަތެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"މިހާރު ގަވައިދުތައް ހުރި ގޮތުން މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާގައި ނޫޅެވެނީ، އެހެންވެ އެއީ ސިވިލް ސާވިސް އިން ހައްލު ކުރަން ޖެހޭ މައްސަލައެއް،" ޝަހީމް ވިދާޅުވި އެވެ. "އިސްލާމީ ޝަރީއަތް ހުއްދަ ކުރާ ކޮންމެ ހެދުމެއްގައި ވަޒީފާއަށް ދެވެން ވާނެ، ދެން އޮންނާނީ ކޮންކަހަލަ ގޮތަކަށްތޯ އެ ގަވައިދުތަކާ ކަންކަން ކުރިޔަަށް ގެންދާނީ އެކަންކަން ކަނޑައަޅާނީ ކަމާ ބެހޭ އިދާރާތަކުން"
މޫނު ބުރުގާ އަޅާތީ ސްކޫލެއްގެ ޓީޗަރަކު ވަޒީފާ އިން ވަކި ކުރި މައްސަލައަކާއި ސަރުކާރުގެ އެހެން މުއައްޒަފަކު ވަކި ކުރި މައްސަލައެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފެންމަތިވެފަ އެވެ. އެކަމާ ގުޅިގެން އިލްމުވެރިންގެ ފާޑު ކިޔުން ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވި އެވެ.