ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުން ބޮޑު ކާމިޔާބެއް ހޯއްދަވައި ދެއްވުމަށް ރައީސްލުޖުމްހުއްރިޔާ އަބްދުﷲ ޔާމީން ގައުމީ ޓީމުގެ ކިބައިން އެދިވަޑައިގެންފި އެވެ.
ސާފް ސުޒުކީ ކަޕުގައި ވާދަ ކުރާ ރާއްޖޭގެ ޓީމަށް ހިތްވަރު ދެއްވުމަށް ޓީމާ ބައްދަލު ކޮށްލުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ޓީމަކީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވޭނެ ފެންވަރު ހުރި ޓީމެއް ކަމަށާއި ކުޅުންތެރިންގެ ކިބައިގައި އެ ހުނަރު އެބަހުރި ކަމަށެވެ.
ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުން ތިބީ ގައުމީ ޓީމާއެކު ކަމަށާއި ގައުމަށް ރީތި ނަން ހޯއްދަވައި ދެއްވުމަށް އެންމެ ފަހުވަގުތާ ހަމަޔަށްވެސް ބުރަކޮށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ
ރައީސް ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ފުޓްބޯޅައިގައި ކާމިޔާބު ހޯދޭނެ ގައުމެއް ކަމަށެވެ. އަދި ކުދި ގައުމުތަކުން ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބުތައް ހޯދަމުން ދާއިރު ރާއްޖެއަށްވެސް އެކަން ހާސިލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަންނަ މަހު ހަތަރު ވަނަ ދުވަހު ބަންގުލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ޝްރީލަންކާ އާއެކު ގުރޫޕް ބީގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ.