ދުނިޔެ

މެކްޑޮނަލްޑްސް އިން މާބަނޑު މީހަކަށް ކެމިކަލް އެޅިފައިހުރި ކޮފީއެއް ދީފި

Aug 2, 2018

ކެނެޑާގެ (އޯގަސްޓް 1) - ކޮފީއަކަށް އޯޑަރު ދިނުމުން، ކޮފީ މެޝިން ސާފުކުރާ ކެމިކަލް އަޅާފައިވާ ތަށްޓެއް ކެނެޑާގެ މާބަނޑު އަންހެނަކަށް ދެވިގެން، މެކްޑޮނަލްޑްސް އިން މައާފަށް އެދިއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ކެނެޑާގެ އަލްބާޓާ ސަރަހައްދުގައި ދިރިއުޅޭ ސޭރާ ޑަގްލަސް، މެކްޑޮނަލްޑްސް އަށް ގޮސް ލާޓޭއަކަށް އޯޑަރު ދިނުމުން، ލިބުނު ތަށިން އެތިކޮޅެއް ބޯލުމަށްފަހު، އެއީ ކޮފީ ނޫންކަން އެނގުނެވެ.

ވަގުތުން އެތަނަށް ވަދެ ސުޕަވައިޒަރަކާއި ބައްދަކުރަން އެދުނު ކަމަށް ބަނޑަށް އަށް މަސް ވެފައިވާ ސޭރާ ކެނެޑާގެ ނޫހަކަށް ކިޔައިދިނެވެ.

"ކޮފީ ތަށި ދެއްކީމަ އެތާހުރި މިހާ ބުނީ އޭގެ ބަދަލުގައި އެހެން ކޮފީއެއް ދޭންވީހޭ. އަހަރެން ބުނިން ނޫނެކޭ. މިފަދަ ކަމެއް ބަލައެއް ނުގަންނާނަމޭ،" އޭނާ ބުންޏެވެ.

އެ ހާދިސާއަށް މެކްޑޮނަލްޑްސް އިން ނެރުނު ބަޔާނެއްގައި ވަނީ އެކަމަށްޓަކައި ސޭރާގެ ކިބައިން މައާފަށް އެދިފަ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން، އެ ހާދިސާ ހިނގަން މެދުވެރިވީ، އާންމު އުސޫލުގެ މަތިން އެ ދުވަހު ހެނދުނު ކޮފީ މެޝިނު ސާފުކުރުމަށްފަހު، ސާފު ކުރާ ކެމިކަލް އެޅޭ ހޮޅި ނައްޓާލަން ހަނދާން ނެތުމުގެ ސަބަބުން ކަމަށެވެ.

މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް، ތަން ސާފުކުރުމަށް ހަމަޖައްސާފައިވާ އުސޫލާއި، ކެމިކަލް ހޮޅި ނައްޓާލަން މުވައްޒަފުންނަށް ހަނދާންކޮށްދިނުމުގެ ގޮތުން އިތުރު ބޯޑުތައް މެޝިނު ކައިރީގައި މިހާރު ހަރުކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސޭރާ ބުނީ ކެމިކަލް ބުއިމަކުން މާބޮޑު ގޮތެއް ނުވާ ކަމަށާއި، ނަމަވެސް ބަނޑުގައި އޮތް ދަރިފުޅަށް ގެއްލުމެއް ވެފައިވޭތޯ ބެލުމަށް ވަގުތުން ޑޮކްޓަރަށް ދެއްކި ކަމަށެވެ.