ހަބަރު

ވިލާ ހައި ސްކޫލްގެ ބެލެނިވެރިންނަށް ހާއްސަ ޕޯޓަލްއެއް!

Aug 2, 2018

ބެލެނިވެރިންނާއި ސްކޫލާއި ދަރިވަރުންގެ ގުޅުން ހަރުދަނާ ކުރުމުގެ ގޮތުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ބެލެނިވެރިންނަށް އޮންލައިން ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.

"ބެލެނިވެހި" ނަމުގައި ފަރުމާކުރި މި ޕޯޓަލް މިއަދު އިފްތިތާހުކޮށްދެއްވީ ވިލާ ކޮލެޖްގެ ރެކްޓާ ޑޮކްޓަރު އަހްމަދު އަންވަރު އެވެ.

ޕޯޓަލްއާ ބެހޭގޮތުން ޑރ އަންވަރު ވިދާޅުވީ، ކުދިންގެ ކިޔެވުމާއި ތައުލީމީ ކަންކަމުގައި ބައިވެރިވުމުގައި ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ މި ހިދުމަތުގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުންގެ އުނގެނުމުގައި ބެލެނިވެރިން ބައިވެރިވާ މިންވަރު އިތުރުކޮށް ފަސޭހަ ކޮށްދިނުން ކަމަށެވެ.

އަންވަރު ވަނީ މި ޕޯޓަލްގެ ބޭނުން ހިފައި، މުދައްރިސުންނާއި ސްކޫލްގެ ހިންގުންތެރިންނާ ގުޅިގެން، ފަރުވާތެރިކަމާއެކު މަސައްކަތްކުރައްވަމުން ގެންދެވުމަށް އެދިވަޑައިގަންނަވާފަ އެވެ.

"މަދަރުސީ ތައުލީމު ދިނުމުގެ މަސައްކަތްތަކަށް ގިނަ އާ ކަންތައްތަކެއް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ތައާރަފުކުރަމުން ގެންދަވާތީ އުފާކުރަން. އޭލެވެލް އަށް ކިޔެވުމަށް އެންމެ ރަނގަޅު ސްކޫލަކަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލު ވާކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ޑރ އަންވަރު ވިދާޅުވި އެވެ.

އެ ސްކޫލުން ވަނީ އަލަށް ތައާރަފްކުރި ޕޯޓަލް ބޭނުންކުރާނެ ގޮތް ވެސް ބައެއް ކްލާސްތަކުގެ ބެލެނިވެރިންނަށް ދަސްކޮށްދީފަ އެވެ.