ވިޔަފާރި

ބީބީއެމް ފިހާރައެއް ހުޅުމާލޭގައި ހުޅުވައި ކަސްޓަމަރުންނާ ގާތަށް

ރާއްޖެއަށް ގިނަ ޕްރޮޑަކްޓްތަކެއް އެތެރެކުރާ، ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) ގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައި، ކަސްޓަމަރުންނާ އިތުރަށް ގާތަށް ޖެހިލައިފި އެވެ.

ޒުވާނުންގެ ސިޓީ ނުވަތަ ޔޫތު ސިޓީގައި ބީބީއެމްއިން ހުޅުވި ފިހާރައާ ބެހޭ ގޮތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި ޑިރެކްޓަރު، މުހައްމަދު މަޒްލޫމް ވިދާޅުވީ ހުޅުމާލޭގައި ފިހާރައެއް ހުޅުވުމަކީ ލިބިގެންދާ އުފަލެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ތަފާތު ކޮލިޓީ އުފެއްދުންތައް ހުޅުމާލޭގައި އުޅޭ ފަރާތްތަކަށް ފަސޭހައިން ލިބުމުގެ މަގު ފަހިވެގެން ދާނެ ކަމަށް ވެސް މަޒްލޫމް ވިދާޅުވި އެވެ.

"ހުޅުމާލެ ފިހާރައިންވެސް ގެއަށް ބޭނުންވާ ސާމާނާއި ތަފާތު އެކި ބާވަތްތައް ލިބެން ހުންނާނެ،" މަޒްލޫމް ވިދާޅުވި އެވެ.

ހުޅުމާލެ ފިހާރައިންވެސް ގެއަށް ބޭނުންވާ ސާމާނާއި ތަފާތު އެކި ބާވަތްތައް ލިބެން ހުންނާނެ
މުހައްމަދު މަޒްލޫމް | ބީބީއެމް ޑިރެކްޓަރު، ސީއީއޯ

ބީބީއެމް ހުޅުމާލެ ފިހާރަ ހުޅުވާފައިވަނީ ނިރޮޅު މަގު 13، ތަންދޫރި ފްލޭމް ކައިރީގަ އެވެ. މި ފިހާރަ އިން ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ ސާމާނު ލިބެން ހުރެ އެެވެ. އެ ބާވަތްތަކުގެ ތެރޭގައި ބަދިގެއަށް ބޭނުންވާނެ ސާމާނާއި ތަންތަން ސާފު ކުރަން ބޭނުންވާނެ ސާމާނު ހިމެނެ އެވެ. އަދި ޕާސްތާ އާއި ޖޫސް އަދި ކައްކާ ތެޔޮ ފަދަ ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް ކޮންމެހެން ބޭނުން ކުރާ ގިނަ ސާމާނު ހިމެނެ އެވެ.

ބީބީއެމްއަކީ ދުނިޔޭގެ އެންމެ ގިނަ ޕްރޮޑަކްޓްތައް އުފައްދާ ކުންފުނި ޔުނިލިވާގެ ގިނަ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކާ ކުންފުންޏެވެ. އަދި މިތަކެތި ލޯކަލް މާކެޓާއި ރިސޯޓު މާކެޓުގައި މި އުފެއްދުންތަކަށް ވަނީ ބޮޑު އިތުބާރެއް އުފެދިފަ އެވެ.