ދުނިޔެ

ޒިމްބާބުވޭގެ ރިޔާސީ އިންތިހާބު ނަންގަގްވާ އެއްބުރުން ކާމިޔާބު ކުރައްވައިފި

Aug 3, 2018

ހަރާރޭ (އޯގަސްޓް 2) - ޒިމްބާބުވޭގެ ރިޔާސީ އިންތިހާބު މިހާރު ވެސް ވެރިކަމުގައި ހުންނެވި އެމާސަން ނަންގަގްވާ ކާމިޔާބު ކުރައްވައިފިކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރަސްމީ ނަތީޖާ ދައްކާގޮތުން، އެގައުމުގައި 37 އަހަރު ވެރިކަން ކުރެއްވުމަަށް ފަހު މިދިޔަ އަހަރު ފަހުކޮޅު މަގާމު ދޫކޮށްލެއްވި ރޮބަޓް މުގާބޭ ނެތި ބޭއްވުނު ރިޔާސީ އިންތިހާބު މިހާރު ވެރިކަމުގައި ހުންނެވި ކުރީގެ ނައިބު ރައީސް ނަންގަގްވާ އަށް 50.8 ޕަސަންޓު ވޯޓު ވަނީ ލިބިވަޑައިގަންނަވާފަ އެވެ. އިދިކޮޅު ކެންޑިޑޭޓު ނެލްސަން ޗަމީސާ އަށް ލިބިވަޑައިގަތީ 44.3 ޕަސަންޓު ވޯޓެވެ. ނަންގަގުވާއަށް 50 ޕަސަންޓަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިވާތީ، ދެވަނަ ބުރަކަށް ދާކަށް ނުޖެހެނޭ އެވެ.

ނަމަވެސް، އިދިކޮޅު މޫވްމަންޓް ފޮ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ) އިން ވަނީ "ފޭކު" ނަތީޖާ އެއް ގަބޫލު ނުކުރާނެކަމަށް ބުނެފަ އެވެ. ވޯޓު އޮޅުވާލިކަމަށް ބުނެ އިދިކޮޅު ސަޕޯޓަރުން ކުރަމުންގެންދާ މުޒާހަރާތަކުގައި މިހާތަނަށް އާންމުންގެ ހަ މީހަކު ވަނީ މަރުވެފަ އެވެ.

އެމްޑީސީ އިން ބުނަނީ، ނަންގަގްވާ އަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ސަރުކާރުން އިތުރަށް ވޯޓު އަޅާ، ވޯޓު ވަރަށް ބޮޑުތަނުން އޮޅުވާލާފައިވާ ކަމަށެވެ. އެ ތުހުމަތުތައް ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުން ވަނީ ދޮގުކޮށްފަ އެވެ.

އާ ރައީސަކު އިންތިހާބު ކުރުމުގެ އިތުރުން، މަޖިލީހާއި ކައުންސިލަށް މެމްބަރުން ހޮވުމަށްވެސް މިދިޔަ ހޯމަ ދުވަހު ވަނީ ވޯޓުލާފަ އެވެ. މަޖިލީސް އިންތިހާބުގެ ނަތީޖާ ބުރާސްފަތި ދުވަހު އިއުލާނުކޮށްފައިވާ އިރު، ވެރިކަންކުރާ ޒަނޫއެފްޕީ އަށް ވަނީ ތަނަވަސް އަގުލަބިއްޔަތެއް ލިބިފަ އެވެ. މަޖިލީހުގެ 210 ދެ ގޮނޑީގެ ތެރެއިން ޒަނޫއެފްޕީ އަށް 144 ގޮނޑި ލިބިފައިވާއިރު، އެމްޑީސީ އިސްވެ އޮތް އިދިކޮޅު އިއްތިހާދަށް ލިބިފައިވަނީ އެންމެ 64 ގޮނޑި އެވެ.