ދުނިޔެ

ޒިމްބާބުވޭ: މުޒާހަރާ ހުއްޓުވަން ރައްޔިތުންނަށް އަނިޔާކުރާކަމުގެ ތުހުމަތު

ހަރާރޭ (ޖެނުއަރީ 23) - ޒިމްބާބުވޭގައި ތެލުގެ އަގު ކުއްލިއަކަށް ބޮޑު ކުރުމާއި ގުޅިގެން، އާންމުންގެ ގިނަ ބަޔަކު ނުކުމެ ކުރަމުންދާ މުޒާހަރާގައި ހަމަނުޖެހުން ހުއްޓުވުމަށް ވަކި ބަޔަކަށް އަމާޒުކޮށް ސަލާމަތީ ބާރުތަކުން އަނިޔާ ކުރަމުންދާކަމުގެ ތުހުމަތުކޮށްފި އެވެ.

މުޒާހަރާތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކުރަމުންދާ ކަމަށްބުނެ، ޒިމްބާބުވޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިންޓަނެޓް ކަނޑާލައި، ސޯޝަލް މީޑިއާ ސައިޓުތައް ބްލޮކް ކުރި ނަމަވެސް، މުޒާހަރާ ކުރާ މީހުންނާއި ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް 12 މީހުން މަރުވެފައިވާކަމަށް ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.

ސަލާމަތީ ބާރުތަކުން ވެރިރަށް ހަރާރޭގައި ރައްޔިތުންގެ ގާގައި ތަޅާ އަނިޔާކުރަމުންދާކަމުގެ ރިޕޯޓުތައް ދަނީ ލިބެމުންނެވެ.

އެ ކޮމިޝަނުން އިތުރަށް ބުނިގޮތުގައި، ސަލާމަތީ ބާރުތަކުން ދަންވަރު އެކި ގޭގެއަށްވަދެ، ބިން މަތީގައި ބާއްވައި، އަނިޔާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ސިފައިންގެ އެ އަނިޔާވެރިކަމުގެ ޝިކާރައަށްވި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭކަމަށްވެސް އެ ކޮމިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ގައުމުން ބޭރުގައި ހުންނެވި، ރައީސް އެމާސަން ނަންގަގުވާ ވަނީ ދަތުރުފުޅު ކުރުކޮށްލައްވައި އެނބުރި ވަޑައިގެންފަ އެވެ. ސިފައިންގެ އެހީތެރިކަމާއެކު މީގެ 14 މަސް ދުވަސް ކުރިން ވެރިކަމަށް ވަޑައިގެންނެވި ނަންގަގުވާ ވަނީ ރައްޔިތުންނަށް އަނިޔާކުރާނަމަ އެކަން ބަލައިނުގަންނަވާނެކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ އިދިކޮޅު ފަރާތްތަކުން ނަގަންޖެހޭނެކަމަށް ވެސް ނަންގަގުވާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އިގުތިސޯދު ފުނޑިފައިވާ ޒިމްބާބުވޭގައި ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ރެކޯޑު އަދަދަކަށް މަތިވެފަ އެވެ. އެކަމާއި އިހުތިޖާޖު ކުރުމުގެ ގޮތުން، މިދިޔަ ހަފްތާގެ ތެރޭގައި ރައްޔިތުން ގޭގައި މަޑުކުރުމަށް ގޮވާލި ގޮވާލުމަށް ގިނަ ބަޔަކު އިޖާބަ ދިނެވެ. ނަމަވެސް، އެއް ބަޔަކު ނުކުމެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާއިރު، ނަންގަގުވާގެ އެންގެވުމަށް، އިދިކޮޅު ލީޑަރުންނާއި އެކްޓިވިސްޓުންނަށް އަމާޒުކޮށް، ސަލާމަތީ ބާރުތަކުން ހަމަލާދެމުންދާ ކަމުގެ ތުހުމަތުތައް ދަނީ ކުރަމުންނެވެ.

ޕެޓްރޯލް އާއި ޑީސަލްގެ އަގު ކުއްލި ގޮތަކަށް ބޮޑުކުރީ، ސަޕްލައި މަދުވުމާއި، ގަވައިދާ ހިލާފަށް ތެޔޮ ވިއްކުން ހުއްޓުވަންކަމަށް ބުނެ އެވެ.

ނަމަވެސް، ކުއްލި ގޮތަކަށް އަގުތައް ދެ ގުނަވުމުން، ގިނަ ބަޔަކަށް ވަނީ ބަސް ޓިކެޓް ވެސް ގަނެވޭގޮތް ނުވެފަ އެވެ.