ދުނިޔެ

ޒިމްބާބުވޭ: ހަމަނުޖެހުން ހުއްޓުވުމަށް ބާރުގެ ބޭނުންކުރުން ވަރުގަދަ ކުރާނެކަމުގެ އިންޒާރު

Jan 21, 2019

ހަރާރޭ (ޖެނުއަރީ 21) - ޒިމްބާބުވޭގައި ތެލުގެ އަގު ކުއްލިއަކަށް ބޮޑު ކުރުމާއި ގުޅިގެން، އާންމުންގެ ގިނަ ބަޔަކު ނުކުމެ ކުރަމުންދާ މުޒާހަރާގައި ހަމަނުޖެހުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަ ކުރާނެކަމުގެ އިންޒާރު އެ ގައުމުގެ ސަރުކާރުން ދީފި އެވެ.

އިންޓަނެޓް ކަނޑާލައި، ސޯޝަލް މީޑިއާ ސައިޓުތައް ބްލޮކް ކުރި ނަމަވެސް، މުޒާހަރާ ކުރާ މީހުންނާއި ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް 12 މީހުން މަރުވެފައިވާކަމަށް ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ގައުމުން ބޭރުގައި ހުންނެވި، ރައީސް އެމާސަން ނަންގަގުވާ ވަނީ ދަތުރުފުޅު ކުރުކޮށްލައްވައި އެނބުރި ވަޑައިގެންފަ އެވެ.

އިގުތިސޯދު ފުނޑިފައިވާ ޒިމްބާބުވޭގައި ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ރެކޯޑު އަދަދަކަށް މަތިވެފަ އެވެ. އެކަމާއި އިހުތިޖާޖު ކުރުމުގެ ގޮތުން، މިދިޔަ ހަފްތާގެ ތެރޭގައި ރައްޔިތުން ގޭގައި މަޑުކުރުމަށް ގޮވާލި ގޮވާލުމަށް ގިނަ ބަޔަކު އިޖާބަ ދިނެވެ. ނަމަވެސް، އެއް ބަޔަކު ނުކުމެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާއިރު، ނަންގަގުވާގެ އެންގެވުމަށް، އިދިކޮޅު ލީޑަރުންނާއި އެކްޓިވިސްޓުންނަށް އަމާޒުކޮށް، ސަލާމަތީ ބާރުތަކުން ހަމަލާދެމުންދާ ކަމުގެ ތުހުމަތުތައް ދަނީ ކުރަމުންނެވެ.

ޕެޓްރޯލް އާއި ޑީސަލްގެ އަގު ކުއްލި ގޮތަކަށް ބޮޑުކުރީ، ސަޕްލައި މަދުވުމާއި، ގަވައިދާ ހިލާފަށް ތެޔޮ ވިއްކުން ހުއްޓުވަންކަމަށް ބުނެ އެވެ.

ނަމަވެސް، ކުއްލި ގޮތަކަށް އަގުތައް ދެ ގުނަވުމުން، ގިނަ ބަޔަކަށް ވަނީ ބަސް ޓިކެޓް ވެސް ގަނެވޭގޮތް ނުވެފަ އެވެ.