ދުނިޔެ

ޒިމްބާބުވޭގައި ހަމަނުޖެހުން ބޮޑުވެ، އިންޓަނެޓުގެ ހިދުމަތް ކަނޑާލައިފި

Jan 19, 2019

ހަރާރޭ (ޖެނުއަރީ 19) - ޒިމްބާބުވޭގައި ތެލުގެ އަގު ކުއްލިއަކަށް ބޮޑު ކުރުމާއި ގުޅިގެން، އާންމުންގެ ގިނަ ބަޔަކު ނުކުމެ ކުރަމުންދާ މުޒާހަރާގައި ހަމަނުޖެހުން އިތުރުވެ، މުޅި ގައުމުގައި އިންޓަނެޓުގެ ހިދުމަތް ދިނުން ސަރުކާރުން މަނާކޮށްފި އެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނަނީ، އިންޓަނެޓު ކަނޑާލާފައިވަނީ، ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނަށް ހަމާލާދީ އަނިޔާކުރަމުންދާ މިންވަރު ދުނިޔެއަށް ފޮރުވުމަށް ކަމަށެވެ.

އެ ކުރިމަތިލުންތަކުގައި ޒަހަމްވި އެތަކެއް ސަތޭކަ ބަޔަކު ވަނީ ވެރިރަށް ހަރާރޭގައި ހުންނަ ހޮސްޕިޓަލުތަކަށް ފަރުވާ ހޯދުމަށް ޖަމާވެފަ އެވެ.

އިގުތިސޯދު ފުނޑިފައިވާ ޒިމްބާބުވޭގައި ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ރެކޯޑު އަދަދަކަށް މަތިވެފަ އެވެ. އެކަމާއި އިހުތިޖާޖު ކުރުމުގެ ގޮތުން، މިދިޔަ ހަފްތާގެ ތެރޭގައި ރައްޔިތުން ގޭގައި މަޑުކުރުމަށް ގޮވާލި ގޮވާލުމަށް ގިނަ ބަޔަކު އިޖާބަ ދިނެވެ. ނަމަވެސް، އެއް ބަޔަކު ނުކުމެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާއިރު، ރައީސް އެމާސަން ނަންގަގުވާގެ އެންގެވުމަށް، އިދިކޮޅު ލީޑަރުންނާއި އެކްޓިވިސްޓުންނަށް އަމާޒުކޮށް، ސަލާމަތީ ބާރުތަކުން ހަމަލާދެމުންދާ ކަމުގެ ތުހުމަތުތައް ދަނީ ކުރަމުންނެވެ.

ޒިމްބާބުވޭގައި އެންމެ ފުޅާކޮށް މުއާސަލާތީ ހިދުމަތްދޭ ކުންފުންޏަށް ސަރުކާރުން އަންގައިގެން، ފޭސްބުކް، ޓްވިޓާ އަދި ވަޓްސްއެޕް ފަދަ ހިދުމަތްތައް ވަނީ ކަނޑާލައިފަ އެވެ. އިއްޔެ ވެސް މުޒާހަރާގެ ތެރެއިން އެތަކެއް ސަތޭކަ ބަޔަކު ހައްޔަރުކުރެވިފައިވާކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.