ޒިމްބާބްވޭ

ތޫފާނުގައި ޖެހި ޒިމްބާބްވޭ އުދާސްތައް މައްޗަށް!

ޒިމްބާބްވޭ - މިދިޔަ އަންގާރަ ދުވަހު ޒިންބާބްވޭއަށް އެރި ވަރުގަދަ ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދޭން ކުރާ މަސައްކަތަށް އިތުރު ހަލުއިކަން ގެނެސްފައިވާއިރު ތޫފާނުގައި މިހާތަނަށް 100 އެއްހާ މީހުން މަރުވެ އެތައް ސަތޭކަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޒިންބާބްވޭގެ ސިފައިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރާއިރު، މޫސުމު ގޯސްވުމުގެ ސަބަބުންނާއި ހަލާކުވެފަހުރި ތަންތަނުގެ ސަބަބުން ވަނީ ގޮން ޖެހުންތަކާ ކުރިމަތި ވެފަ އެވެ.

ބިންގަނޑު ތިރި ހިސާބުތަކަށް އެހީފޯރުކޮށް ދިނުމުގައި ފަސޭހަތަކެއް ހުރިއިރު ވެރިރަށް ހަރާރޭއާއި ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އޮންނަ ޗިމޭނިމާނީ ވަނީ އުސް ހިސާބުތަކުން ކިސަޑު ފޭބުމުގެ ސަބަބުން މަގުތައް ބަންދުވެފަ އެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ހިސާބުތަކަށް ވާސިލުވެވޭ ހަމައެކަނި ގޮތަކަށް އޮތީ ވައިގެ މަގެވެ.

ސަރުކާރުން ބުނާ ދޭގޮތުގައި ތޫފާނުގެ ސަބަބުން 98 މީހުން މަރުވެފައި ވާއިރު 200 އަށްވުރެ ގިނަ ގެއްލިފައި ވެއެވެ.

މިކަހަލަ ތޫފާން އައުމަކީ އެ ސަރަހައްދަށް އާކަމެއް ނޫން ނަމަވެސް "އިޑާއީ" ގެ ނަން ދެވިފައިވާ މި ތޫފާނަކީ 2000 ވަނަ އަހަރު ދެކުނުމަތީ އެފްރިކާއަށް އެރި "އެލީން" ތޫފާނަށް ފަހު ލައިގަތް އެންމެ ވަރުގަދަ ތޫފާން ކަމުގައި ޒިންބާބުވޭން ބުނެ އެވެ.

މަގުތައް ބެދިފައިވުމުން ކުރިން އެހީތެރިކަން ފޯރުކޮށް ނުދެވިފައިވާ އަވަށްތަކަށް ސިފައިން ކައްކާ ތެލާއި ބީންސް ފަދަ ކާތަކެތީގެ އެހީ ހާލުގައި ޖެހިފައި ތިބި މީހުނަށް ފޯރުކޮށްދެމުން ގެންދާއިރު، ބުލްޑޯޒަރު ފަދަ އާލާތްތައް ބޭނުން ކޮށްގެން އެ ސަރަހައްދުތަކުގެ މަގުތަށް ސާފުކުރެވޭތޯ ވެސް ދަނީ މަސައްކަތް ކުރަމުން ނެވެ.

އުސް ހިސާބުތަކުން ފޭބި ކިސަޑުގެ އަޑީގައި ވަޅުލެވުނު ސްކޫލެއްގައި ތާށިވެފައި ތިބި ކިޔަވާ ކުދިންތަކެއް ހެލިކޮޕްޓަރުގެ އެހީގައި ވަނީ ސަލާމަތް ކޮށްފަ އެވެ. ސްކޫލުން ސަލާމަތް ކުރެވުނު އެންމެން މިހާރުވަނީ ހަރާރޭގެ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދޭން ފަށާފަ އެވެ. މި ސްކޫލް މައްޗަށް ކިސަޑުގަނޑު ފައިބައިގެން ދިއުމުގެ ތެރޭގައި ދެ މީހަކު މަރުވެފައިވާއިރު އޭގެ ތެރެއިން އެކަކީ އެ ސްކޫލްގެ ދަރިވަރެކެވެ.

ޗިމޭނިމާނީގެ ތިރީ ފަރުބަދަތައް އެކުލެވޭ ހިސާބުގައި ދިރިއުޅޭ 53 އަހަރުގެ ޒުޒޭ ޒުބޫކާ އަލްޖަޒީރާއަށް ކިޔާދިން ގޮތުގައި އޭނާގެ އާއިލާގެ އެންމެން ދިރިއުޅުނު ގެތަކުގެ ފުރާޅުތައްވަނީ ތޫފާނުގައ ބޯ ވިއްސާރަ އާއި ގަދަ ވައިގެ ތެރޭގައި ލުހިގެން ގޮސްފަ އެވެ.

ޒުޒޭ، އޭނާގެ އާއިލާގެ އަށް މީހުންނާއެކީ މިހާރު ދިރިއުޅެނީ ހަލާކުވި ގޭގެ ކައިރީ ޖިފުޓިއެއް އަޅައިގެން ނެވެ.

"އަހަރެންގެ ގެދޮރު ވަނީ ގެއްލިފައި. ވިއްސާރައިން ސަލާމަތެއް ނުވެވިގެން އަހަރެމެން ތިބީ ތާށިވެފައި. މަގުތައް ސާފުކޮށް ބޭރަށް ނިކުމެވޭވަރު ވީމަ އަހަރެން ދިޔައީ އަހަރެންގެ ޅިޔަނުގެ ހާލު ބަލާލަން، ދިޔައިރު ޅިޔަނު މަރުވެއްޖެ. އަހަރެމެންގެ އާއިލާ މެމްބަރެއް ދުނިޔެ ދޫކޮށްފި. އަހަރެމެންގެ ގޯތި ގެދޮރު ހަލާކުވެ ދަަނޑުތައް ވިއްސިވިހާލިވެގެން ހިނގައްޖެ. އަހަރެންނަކަށް ނުވިސްނޭ އަލުން ފަށާނެގޮތެއް"، ޒުޒޭ ކިޔާދިނެވެ.

މިދިއަ ހުކުރު ދުވަހު ތޫފާން އަރައިގެން އައި ވަގުތު ފަރުބަދަ މަތިން ފޭބި ހިލަތަކެއްގެ ދަށުވެ ނިދާފައި އޮއްވާ މަރުވީ ޒުޒޭގެ ޅިޔަނެވެ. އޭނާގެ ޖަނާޒާ ބޭއްވީ ވެސް އެ މަގުގަ އެވެ.

ޒުޒޭގެ ޅިޔަނުގެ ޖަނާޒާއަށް ދިޔަ 48 އަހަރުގެ ފޯޗުނޭޓް ސާޒިޔާގެ ގެދޮރު ވެސް ވަނީ ގެއްލިފަ އެވެ. އެހެން މީހުުންނެކޭ ވެސް އެއްފަދައިން އޭނާވެސް އެހީތެރިކަމަށް ބޭނުންވެ އެވެ.

"އަހަރެމެންނަށް އަހަރެމެންގެ ސަރުކާރުން އެހީތެރި ވެދޭނެތަ؟ ޢެއްވެސް ކަހަލަ އެހީތެރިކަމެއް ލިބޭނެތަ؟ އަހަރެންގެ އަތުން ގެއްލިފައިވާ ތަކެތީގެ ލިސްޓު އަހަރެން ދޭނީ ކާކުގެ އަތަށް؟"، އޭނާ ސުވާލުކުރި އެވެ.

އެގައުމުގެ ޑިފެންސް މިނިސްޓަރު އޮއްޕާ މުޗިންގުރީ ވަނީ އެސަރަހައްދަށް ޒިޔާރަތްކޮށް ގެއްލުން ލިބުނު މީހުން ގާތުގައި މިތޫފާނަ މިހާ ވަރުގަދަ ވެދާނެކަމަށް ހީނުކުރާކަމުގައި ބުނެފަ އެވެ. އަދި ސަރުކާރުން ރައްކާތެރި ވާންޖެހޭ މިންވަރަށް ރައްކާތެރި ނުވެވުމުން އެކަމާ ހިތާމަކުރާކަމުގަ އެވެ. "އަހަރެމެންނަށް އަޑުއިވުނު ތޫފާނެއް އަންނަން އުޅޭ ވާހަކަ، ފެން ބޮޑުވާނެ ވާހަކަ، އެކަމަކުވެސް ރައްކާތެރި ވުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރެވުން"، މުޗިންގުރީ ބުނެފައިވެ އެވެ.