ވިޔަފާރި

މިދިޔަ އަހަރު ބޭންކް ޕްރޮފިޓް އެންމެ ގިނައިން ދެއްކި ކުންފުންޏަކަށް ބީއެމްއެލް

މިދިޔަ އަހަރު ބޭންކް ޕްރޮފިޓް ޓެކްސް އެންމެ ގިނައިން ދެއްކި ބޭންކްއަކަށް ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް ހޮވި، މީރާގެ "ރަންލާރި އެވޯޑު" މި އަހަރު ވެސް ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޭ "ރަންލާރި އެވޯޑު" ގައި އެންމެ ގިނައިން ބޭންކް ޕްރޮފިޓް ޓެކްސް ދެއްކި ބޭންކް އަކަށް ގައުމީ ބޭންކް ހޮވުނުއިރު މިއީ ހަތަރު ވަނަ އަހަރެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑާ ހަވާލުވެވަޑައިގަތީ، ގައުމީ ބޭންކުގެ ހެޑް އޮފް އެންޑް ލީގަލް އެފެއާޒް އައިޝަތު ސަމާ އެވެ. މި އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބް އަބްދުﷲ ޖިހާދު އެވެ.

ރާއްޖޭގައި ބީއެމްއެލްގެ އިތުރުން ފަސް ބޭންކް އަކުން ދަނީ ހިދުމަތް ދެމުންނެވެ. މީގެތެރޭގައި އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ އެންމެ ބޮޑެތި ބޭންކްތައް ހިމެނެ އެވެ.

ގައުމީ ބޭންކުން ގިނަ އަދަދަކަށް ބޭންކް ޕްރޮފިޓް ޓެކްސް ދައްކާފައިވާއިރު، ގައުމީ ބޭންކުގެ މިދިޔަ އަހަރު އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް 20.3 ޕަސެންޓުން 4.1 ޕަސެންޓަށް ދަށްކޮށްފައިވެ އެވެ. އަދި ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ. އަދި ޓެކްސް އަށް ކެނޑުމަށް ފަހު ގައުމީ ބޭންކް، ބީއެމްއެލް އަށް މިދިޔަ އަހަރު ވެސް ސާފު ފައިދާގެ ގޮތުގައި 1.038 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި ފައިދާއާ ހިއްސާއަކަށް 22 ރުފިޔާގެ މަގުން 118 މިލިއަން ރުފިޔާ ބަހަން މިރޭ ވަނީ ނިންމާފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު، 10 ޕަސެންޓްގެ އިތުރު އަދަދެކެވެ.