ދުނިޔެ

މޫނު ބުރުގާ އަޅައިގެން ޑެންމާކުގައި އަންހެނަކަށް ދައުވާކޮށްފި

Aug 4, 2018
2

ކޯޕަންހޭގަން (އޯގަސްޓް 3) - މޫނު ނިވާކުރުމާއި ދެކޮޅަށް ހެދި ގާނޫނޫގެ ދަށުން ޑެންމާކުގައި ފުރަތަމަ ފަހަރަށް މޫނު ބުރުގާ އެޅި އަންހެނަކަށް ދައުވާކޮށްފި އެވެ.

އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މޫނު ބުރުގާ އެޅި އަންހެނެއްގެ ބުރުގާ ނެގުމަށް އެހެން އަންހެނަކު މަސައްކަތް ކުރުމުން، ދެ މީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން، މޫނު ބުރުގާ އެޅި އަންހެން މީހާ ވަނީ ޖޫރިމަނާކޮށްފަ އެވެ.

އެ ދެ އަންހެނުންގެ ދެމެދުގައި ހިނގި ދެބަސްވުމުގައި، ފުލުހުން އައިސް ސީސީޓީވީ ފޫޓޭޖު ބެލުމަށްފަހު، މޫނު އަޅައިގެން ހުރި އަންހެން މީހާއަށް މޫނު ބުރުގާ ނެގުމަށް އެންގި ކަމަށްވެ އެވެ. އަދި މޫނު ބުރުގާ ނުނަގައިފިނަމަ ބުދަ ދުވަހު އަމަލު ކުރަންފެށި ގާނޫނުގެ ދަށުން ދައުވާ ކުރާނެ ކަމުގެ އިންޒާރުވެސް ފުލުހުން ދިން ކަމަށް މީޑިއާ އިން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު އެ ގާނޫނު އެކުލާލުމާއެކު، އަމިއްލަ ޖަމާއަތްތަކާއި އާންމުންގެ އެތަކެއް ބަޔަކު ނިކުމެ ވަނީ މުޒާހަރާކޮށްފަ އެވެ. ބުދަ ދުވަހުން ފެށިގެން އަމަލުކުރަންފެށި ގާނޫނުގައި ސީދާ މޫނު ބުރުގާ ހިމަނާފައިނުވި ނަމަވެސް، މޫނު ނިވާވާ ގޮތަށް އެއްވެސް އަންނައުނެއް ބޭނުން ކުރުމަކީ މަނާކަމެއް ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން، އަމަން ނަގާލުމުގެ ދައުވާ އެ ދެ އަންހެނުންނަށް ވެސް ކޮށްފައިވާއިރު، މޫނު ބުރުގާ އެޅި އަންހެން މީހާއަށް މޫނު ނިވާކޮށްގެން އުޅުމުގެ އިތުރު ދައުވާއެއް ވެސް ވަނީ ކޮށްފަ އެވެ. އޭނާ ވަނީ 1،000 ކްރޯނާ (155 ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ.

ޑެންމާކުގައި ދިރިއުޅޭ ގިނަ މުސްލިމު އަންހެނުން ވަނީ އެ ގާނޫނަށް ތަބާނުވާނެކަމަށް ބުނެފަ އެވެ. ނަމަވެސް، މޫނު ނިވާކުމުގެ ކުށް ތަކުރާރުކޮށްފިނަމަ، 10،000 ކްރޯނާ (1،500 ޑޮލަރު) ގެ ޖޫރިމަނާއަށް އަންނާނެ އެވެ.

ޑެންމާކުގެ އިތުރުން، ފްރާންސް، އޮސްޓްރިއާ، ބަލްގޭރިއާ އަދި ޖަރުމަނުގެ ބާވަރިއާ ސްޓޭޓުގައި ވެސް މޫނު ނިވާކުރުމާއި ދެކޮޅު ގާނޫނުތައް ވަނީ ތައާރަފްކޮށްފަ އެވެ.