ބޮލީވުޑް

"ދިލްބަރް"ގެ ކާމިޔާބީއާއެކު ނޯރާގެ އަގުވެސް ބޮޑުވެއްޖެ

ހަބަރުތަކުގެ ފަލަ ސުރުހީތަކުން ކެނެޑާގެ ނެށުންތެރިޔާ ނޯރާ ފަތެހީ ޖާގަ ހޯދީ މިހާރު ވަރަށް ހަލުވި މިނެއްގައި ދައުރުވަމުން އަންނަ އޭނާގެ ބޮލީވުޑް ލަވަ "ދިލްބަރް" ރެ ރީބޫޓް ލަވައާއެކު އެވެ. މި ލަވައަކީ މިސް ޔުނިވާސް، ސުޝްމީތާ ސެން 1999 ވަނަ އަހަރު އޭނާގެ ފިލްމު "ސިރުފް ތުމް" ގައި ނެށި ލަވައެކެވެ. އެ ފަހަރުވެސް މި ލަވަވީ ހިޓަކަށެވެ.

މި ލަވަ ރީބޫޓްކޮށްފައި ވަނީ މި މަހު 15 ގައި ރިލީޒްކުރާ ޖޯން އަބްރަހަމްގެ ފިލްމު "ސަތްޔަމޭވް ޖަޔަތީ" އަށެވެ. ހިޓު ލަވައަކަށް މި ލަވަވީއިރު، މިއީ މިހާތަނަށް ޔޫޓިއުބުގައި އެންމެ އަވަހަށް 20 މިލިއަން ވިއުސް ހޯދި ބޮލީވުޑްގެ ފުރަތަމަ ލަވަ އެވެ.

މި ކާމިޔާބީތަކާއެކު ނޯރާ މިހާރު ވަނީ ލަވަ ކުޅޭ އަގު ބޮޑުކުރަން ނިންމާފައި ކަމަށް ބޮލީވުޑްގެ ރިޕޯޓުތައް ބުނެ އެވެ. ޕްރޮޑިއުސަރުންގެ ފަރާތުން ނޯރާއަށް މިހާރުވެސް ތަފާތު ގިނަ ހުށަހެޅުންތައް އަންނަނީ ލިބެމުންނެވެ. ދާދިފަހުން އޭނާއަށް ވަނީ ސަލްމާން ޚާންގެ ފިލްމު "ބާރަތު" އިން ރޯލެއްވެސް ލިބިފަ އެވެ.

"ދިލްބަރް" ރީބޫޓް ލަވަ.

ރާޖްކުމާރް ރާއޯއާއި ޝްރައްދާ ކަޕޫރްގެ ކުރިއަށް އަންނަން އޮތް ފިލްމު "ސްތުރީ" އަށްވެސް ނޯރާ ވަނީ ލަވައެއް ކުޅެދީފަ އެވެ. އަދި ސައިފް އަލީ ޚާންގެ ފިލްމު "ބާޒާރް" ގައި ދެ ލަވަ ކުޅުމަށް މިހާރު ވަނީ ފުރުސަތު ލިބިފަ އެވެ.