ޗެލްސީ

ތައްޓަކުން ފަށަން މިހުރީ ކެތް މަދުވެފައި: ސާރީ

އިނގިރޭސި ފުޓްބޯޅަ ސީޒަން އުނދަގޫ ކަމާއި ވަރުގަދަކަން، މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ކިޔައިދިން ކަމަށާއި، އެހެންވެ އިނގިރޭސި ސީޒަން ތައްޓަކުން ފަށަން ކެތް މަދުވެފައި ހުރި ކަމަށް ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީ ބުނެފި އެވެ.

ސާރީ އާއި ގާޑިއޯލާއަކީ ވަރަށް ކުރިން ވެސް ގާތް ދެ ރަށްޓެހިންނެވެ. އެންޓޯނިއޯ ކޮންޓޭގެ ބަދަލުގައި ޗެލްސީގެ ކޯޗް ކަމާ ހަވާލުވެ ސާރީގެ ފުރަތަމަ މެޗުގައި ވެސް އޭނާ މިޖެހުނީ، ގާޑީއޯލާއާ ދެކޮޅަށް ނުކުންނާށެވެ. ރާއްޖޭގަޑިން މިއަދު އިރުއޮއްސި 7:00 ގައި، އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިޔުނިޓީ ޝީލްޑް މެޗުގައި ޗެލްސީ ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.

މިދިޔަ އަހަރު ޗެމްޕިއަންސް ލީގްގައި ނަޕޯލީ އާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗަށް ފަހު ސާރީ އާއި ގާޑިއޯލާ ވަނީ އިޓަލީގެ ހޮޓަލަކުން ރޭގަނޑުގެ ކެއުމަކަށް ބައްދަލު ކޮށްފަ އެވެ.

"ގާޑިއޯލާ އަހަރެން ގާތު ބުނީ މިތަނުގައި އިންގްލެންޑްގައި ވަރަށް އުނދަގޫ ވާނޭ، ފުޓްބޯޅައިގެ ފެންވަރު ވަރަށް މަތި، އެހެންވެ އޭނާގެ ފުރަތަމަ ސީޒަންގައި ވެސް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި ކަމަށް ބުނި، ނަމަވެސް އޭނާ ބުނި ކޮންމެ ތަނެއްގައިވެސް ފުޓްބޯޅައަކީ ހަމަ ފުޓްބޯޅައޭ،" ސާރީ ކިޔައިދިނެވެ.

"އަހަންނަށް ހީވަނީ މިހާރު ކޮންމެ ކޯޗެއްވެސް ބޭނުން ވަނީ އިންގްލެންޑްގައި މަސައްކަތް ކުރަން ހެން، [އިނގިރޭސި] ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ މަތީ ލެވަލްގެ ލީގް، އެހެންވީމާ އަހަރެން ވަކި ކީކޭ ބުނާނީ އަހަންނަށް މިތާންގައި މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ނަސީބެއް."

ސާރީ ބުނީ، ގާޑިއޯލާ އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗް ކަމަށެވެ. އޭނާ ބުނީ އެއް ހައިސިއްޔަތަކުން ކޮމިޔުނިޓީ ޝީލްޑް މެޗަކީ ޗެލްސީއަށް އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ.

"އެއީ އެ ޓީމުން [މެން ސިޓީން] އެއްކޮށް މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރު ވެއްޖެ، އަހަރެމެންނަށް މި މަސައްކަތް ކުރެވުނީ އެންމެ ދެ ހަފުތާ ބައިގެ މުއްދަތެއް، އެހެންވީމަ އަހަރެމެންނަށް އުނދަގޫ ވާނެ."

ވޭތުވެދިޔަ 13 ވަރަކަށް އަހަރަށް ބަލާއިރު ޗެލްސީގެ ކޯޗު ކަމުގެ ވަޒީފާއަކީ ވަރަށް ޕްރެޝަރު ވަޒީފާ އެކެވެ. ކާމިޔާބު ނުހޯދި އެއް ސީޒަން ހޭދަވިއަސް އެ ހުންނަ ކޯޗް މަގާމުން ވަކި ކުރުމުގެ ބިރު ބޮޑެވެ. އޭނާ އާ އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ބުނީ، ޗެލްސީއާއެކު ތައްޓަކުން ފަށަން އުންމީދު ކުރާ ކަމަށެވެ.