ހަބަރު

ރައީސް އަދަބު ލުއިކޮށްދެއްވި ގައިދީން ގެއަށް ބަދަލުކުރަން ފަށައިފި

ރައީސް އަބްދުﷲ ޔާމީން އަދަބު ލުއި ކޮށްދެއްވަން ނިންމެވި ބައެއް ގައިދީން ގޭ ބަންދަށް ބަދަލުކުރަން ފަށައިފި އެވެ.

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތު ހަމަވާ މީހުންނަށް އަދަބު ކުއިކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވާފަފއި ވަނީ މިދިޔަ މިނިވަން ދުވަހުގަ އެވެ. އެކަމާ ގުޅިގެން "އަވަސް"އިން ސުވާލު ކުރުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ މިނިވަން ދުވަހުން ފެށިގެން ބައެއް ގައިދީންނަށް އަދަބު ލުއިކޮށްދީ ގެއަށް ބަދަލު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް ގެއަށް ބަދަލުކޮށްފައި ވަނީ ކިހާ ގައިދީނެއް ކަމެއް ކަރެކްޝަނުން ހާމައެއް ނުކުރެ އެވެ.

ގައިދީން ދޫކޮށްލުމާ ބެހޭ ގޮތުން ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވެފައި ވަނީ ޓެރެރިޒަމްގެ ކުށް ކުރާ މީހުންނާއި ކުޑަ ކުދިންނާ ބެހޭ މީހުންނާއި ރޭޕްގެ ކުށް އަދި ބޮޑެތި މާރަމާރީ ހިންގާ މީހުން މަރާފައި ތިބި މީހުންނަށް ލުއިއެއް ނުދެވޭނެ ކަމަށާއި ލުއި ދޭން ނިންމާފައި ވަނީ ކުށްތައް ކުރެވިފައި އޮތުމުން އެކަމާ ދެރަވެ އަހުލާގިއްޔާތު ރަނގަޅުވެފައި ތިބި މީހުން ކަމަށެވެ. އަދި އެ މީހުންގެ ފަރާތުން މުޖުތަމައުއަށް އެއްވެސް ނުރައްކަލެއް ވެސް ނުވާނެ ކަމުގެ ޔަގީން ކަން މިނިސްޓަރު ދެއްވި އެވެ.