ޕާކިސްތާނުގައި ހަނގުރާމެރި ޖަމާއަތާ ގުޅިގެން އެ ގައުމުގައި ހަނގުރާމަ ކުރަމުން ދިޔަ ކަމަށް ބުނެ ދައުލަތުން ދައުވާކޮށްފައިވާ ރ. ކަނދޮޅުދޫ، ފީރޯޒުގެ މުހައްމަދު އަބްދުލް ރަހްމާންގެ މައްސަލަ ކުރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.
މުހައްމަދު އަބްދުލްރަހީމްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ޕާކިސްތާނަށް މުހައްމަދު ގޮސްފައިވަނީ ކިޔެވުމަށް ކަމަށެވެ. އެއީ 2007 ވަނަ އަހަރު އެވެ. ނަމަވެސް 2009 ވަނަ އަހަރު އޭނާ ވަނީ ޕާކިސްތާނުގެ ވާނާ ކިޔާ އަވަށަކަށް ދިރިއުޅުން ބަދަލުކޮށް، ހަނގުރާމެވެރި ގުރޫޕަކާ ގުޅިފައި ކަމަށެވެ.
ދައުވާގައި އިތުރަށް ބުނާ ގޮތުން މިދިޔަ އަހަރުގެ މެދާ ހަމައަށް ވެސް މުހައްމަދު ދިޔައީ އެ ހަނގުރާމަވެރި ގުރޫޕާއެކު ހަނގުރާމާގައި ބައިވެރިވަމުންނެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ 2016 ވަނަ އަހަރު ރޯދަ މަހުގެ ތެރޭގައި އެނބުރި ރާއްޖެ އައުމުންނެވެ.
މުހައްމަދުގެ މައްޗަށް އުފުލާފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގެ (ނ)އާ ހަވާލާދީ އެވެ. އެ ކުށުގެ އަދަބަކީ 17 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެކެވެ.
މިއަދު މި މައްސަލާގައި އޮތީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމެވެ. އެންމެ ބޮޑު ބަހުސެއް މިއަދު ކުރެވުނީ ޝަރީއަތުގެ ކުރިން މުހައްމަދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. އެއީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާކޮށްފައިވަނީ އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ހިނގި ކަމަށް ދައުލަތުން ބުނާ އަމަލެއްގެ މައްޗަށް ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ 28 އޮކްޓޯބަރު ވަނަ ދުވަހު އެވެ. މުހައްމަދުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، އެ ތާރީހުގެ ފަހުން މުހައްމަދު ޕާކިސްތާނުގެ އެއްވެސް ހަނގުރާމައެއްގައި ބައިވެރިވެފައިވާކަން ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކުން އެނގެން ނެތް ކަމަށެވެ. އެ ތާރީހުގެ ފަހުން އޭނާ ހަނގުރާމާގައި ބައިވެރިވިކަން އެނގޭ އެއްވެސް ހެއްކެއް އެބަހުރިތޯ ތަކުރާރުކޮށް ވަކީލް ދައުލަތާ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވަމުން ދިޔައީ އެ ތާރީހުގެ ފަހުން ވެސް މުހައްމަދު ހަނގުރާމަގަ ބައިވެރިކަން އެނގެން އެބަ އޮތް ކަމަށެވެ. ނަމަވެސް އެކަން އެނގެން އޮތީ ކިހިނެއްކަން ސާފެއް ނުކޮށްދެވުނެވެ.
މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވެސް އެ ސުވާލު ދައުލަތާ ތަކުރާރުކޮށް ސުވާލު ކުރެއްވި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެ ތާރީހުގެ ފަހުން ވެސް މުހައްމަދު ޕާކިސްތާނުގައި ދިރިއުޅުނު ކަމަށެވެ. އެވަރުން އަދި އޭނާ ހަނގުރާމަ ބައިވެރިކަން ސާބިތު ނުވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލް ދެން ވިދާޅުވީ، އިންޓެލް ރިޕޯޓުން މުހައްމަދު އެ ތާރީހުގެ ފަހުން ވެސް ހަނގުރާމާގައި ބައިވެރިކަން އެނގޭ ކަމަށެވެ. އެހެން ދައުލަތުން ވިދާޅުވުމުން އެއީ އިންޓެލް ރިޕޯޓްގެ ކޮން ސަފުހާއަކުންތޯ ގާޒީ ސުވާލު ކުރެއްވި އެވެ. އެ ސަފުހާއެއް ދައުލަތަކަށް ނުދެއްކުނެވެ.
ދެން ދައުލަތުން މަސައްކަތް ކުރެއްވީ ޓެރަރިޒަމްގެ ގާނޫނަށް އަމަލުކުރަން ފެށި ތާރީހުގެ ފަހުން ވެސް ޕާކިސްތާނުގެ ވާނާގައި ހަނގުރާމަ ކުރިއަށް ދިޔަކަން ސާބިތުކޮށްދިނުމަށެވެ. އެކަމާ ނުރުހުން ފާޅުކުރައްވައި ގާޒީ ހައިލަމް ވަނީ ދައުލަތުގެ ވަކީލަށް އިށީނުމަށް އަންގަވާފަ އެވެ.
ގާޒީ ހައިލަމް ވިދާޅުވީ، 28 އޮކްޓޯބަރުގެ ފަހުން މުހައްމަދު ވާނާގައި ހިނގި ހަނގުރާމާގައި ބައިވެރިކަން އިންޓެލް ރިޕޯޓަށް ރިޔާއަތްކޮށް ވެސް ދައުލަތަށް ބުނެދެވިފައިނުވާތީ އެ ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ ދަށުން ބާތިލް ދައުވާއެއް ކަމަށް ކަނޑައަޅުއްވާ ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު ގާޒީ ޝަރީއަތުގެ މާލަމުން ނުކުމެވަޑައިގެންނެވި އެވެ.
މި މައްސަލާގައި ދައުވާ ލިބޭ މުހައްމަދު އަބްދުލްރަހްމާންއަކީ ހ. ހަންޑްރެޑް ފްލާވާ ހުސެއިން ރަޒީން (ރަބަރޭ) މަރާލުމަށް ހަރަދުކުރި ކަމަށް ބުނެ ދައުވާކޮށްފައިވާ އިބްރާހިމް އަބްދުލްރަހްމާންގެ ބޭބެ އެވެ.