ކުރިއަށް އޮތް ބޮޑު އީދު ބަންދުގެ ތެރެއިން މިމަހު 22 ވަނަ ދުވަހު ދައުލަތުގެ ހުރިހާ މާލީ އިދާރާތައް ހުޅުވާނެ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ބޮޑު އީދުގެ މުނާސަބަތުގައި މިމަހުގެ 19 ވާ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ، އެ އޮތޯރިޓީއާ ބޭންކްތަކާއި އެ އޮތޯރިޓީން ރެގިއުލޭޓް ކުރާ އެހެން މާލީ އިދާރާތައް އާންމުންނަށް ހިދުމަތް ދިނުމަށްޓަކައި މިމަހުގެ 22 ވާ ބުދަ ހުޅުވާފައި ހުންނާނެ ކަމަށެވެ.
އެގޮތުން ބޭންކްގެ ހިދުމަތުގެ ތެރެއިން ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތައް އެދުވަހުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ހުޅުވާފައި ހުންނާނެ ކަމަށާއި ވަކި ލާރި ބަލައިގަތުމާއި ދޫކުރުމަށް އެދުވަހުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 11:00 ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ސިޓީއާ ތަކެތި ބަލައިގަތުމަށް އެދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 3:00އާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.
ކަލަންޑަރުގައި މިހާރުވާ ގޮތަށް ހައްޖުމަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 12 ވަނަ ދުވަހަށް ވެއްޖެނަމަ، މިމަހުގެ 19ވާ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ނިންމަވާފައިވާފަ އެވެ.