މިއަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތެއްގައި ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތެއްގައި ކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދި ކައުންސިލްތަކުން ނުވަތަ ޖަމިއްޔާތަކުން އެ މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ލިބިގެން ނޫން ގޮތަކަށް ބޮޑު ޖަމާއަތެއްގައި އީދު ނަމާދު ނުކުރެވޭނެ ކަމަށެވެ. އަދި އީދު ނަމާދު އިމާމްވެ ކުރައްވާ ބޭފުޅުންގެ މިނިސްޓްރީއަށް ފޮނުވައި ހުއްދަ ހޯދުމަށް ވެސް ބަޔާނުގައި ވެއެވެ.
ފިތުރު އީދާއި އަޟްހާ އީދު ނަމާދު މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޖަމާއަތެއްގައި މީގެ ކުރިންވެސް ވަނީ ބާއްވާފަ އެވެ. އެގޮތުން މިދިޔަ ފިތުރު އީދުގައި މާލޭގައި ބާއްވާފައިވަނީ މާފަންނު ސްޓޭޑިއަމްގަ އެވެ. އަދި ހުޅުމާލޭގެ ބޮޑު ޖަމާއަތް ސެންޓްރަލް ޕާކްގަ ބާއްވާފައިވާއިރު ވިލިނގިލީގައި ބޮޑު ޖަމާއަތް ބާއްވާފައިވަނީ އެރަށު ބޯޅަދަނޑުގަ އެވެ.