ހަބަރު

ކޮންޕްރެސަރެއް ގޮވުން: އަނިޔާވި މީހުންގެ ހާލު ރަނގަޅު

ސިނާއީ ރަށް، ތިލަފުށީގައި ކޮމްޕްރެސަރެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ތިން މީހުންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކޮމްޕްރެސަރެއް ގޮވުމުގެ ސަބަބުން އަނިޔާވެފައިވަނީ އެތަނުގައި އެވަގުތު މަސައްކަތު އުޅުނު ދިވެއްސަކަށާއި ދެ ބިދޭސީއަކަށެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ، އަނިޔާވި ތިން މީހުން ވެސް ފަރުވާއަށް އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. ނަމަވެސް ދެ ބިދޭސީ މީހުންނަށް މާ ބޮޑު އަނިޔާތަކެއް ލިބިފައި ނެތުމުން އެ ދެމީހުންނަށް އަވަސް ފަރުވާ ދިނުމަށްފަހު ފޮނުވާލާފައިވާ ކަމަށާއި ނަމަވެސް ދިވެހި މީހާގެ ހަށިގަނޑުން ބައެއް ފިހިފައިވާތީ އިތުރު ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ. އެމީހާގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުގެ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގެ އެވެ.