ކޯލިޝަން ޕާޓްނަރު، އެމްޑީއޭއާއެކު އޮތް ގުޅުން ގޯސްވެފައިވާ ނުވާ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ، އެމްޑީއޭ އާއި ޕީޕީއެމްއާ ދެމެދު މައްސަލަތަކެއް ޖެހި، އެމްޑީއޭގެ ލިޑަރު އަހުމަދު ސިޔާމް އިދިކޮޅާ ގުޅެން އުޅޭ ކަމަށް އަޑުތައް ފެތުރުމާ ގުޅިގެންނެވެ. ނިހާން ވިދާޅުވީ، ސިޔާމަކީ ރައީސް އަބްދުﷲ ޔާމީންގެ ގާތް އެކުވެރިއެއް ކަމަށެވެ.
"އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަން އޮތީ ވަރަށް ބަދަހިކަމާއެކު ރައީސް ޔާމީނަށް ކާމިޔާބު ހޯދައިދޭން، ދެ ޕާޓީގެ ކޯލިޝަން ބައްދަލުވުންތައް ވެސް ބަރާބަރަށް ކުރިއަށް އެބަދޭ،" ނިހާން ވިދާޅުވި އެވެ.
އެމްޑީއޭއާ ދެމެދު މައްސަލައެއް ޖެހިފައި ނެތް ކަމަށް ނިހާން ވިދާޅުވި ނަމަވެސް މިހާތަނަށް އެމްޑީއޭގެ އިސް ބޭފުޅަކު މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
އަޑުތައް ފެތުރިފައިވާ ގޮތުން ސިޔާމްއާ މައްސަލަތަކެއް ޖެހެން ފެށުނީ ދެވަނަ ދައުރުގެ ނައިބު ރައީސްއަކަށް އެ ޕާޓީ މެންބަރަކު އައްޔަން ކުރުމަށް އެދިފައި ވަނިކޮށް އޭގެ ބަދަލުގައި އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރުމާ ގުޅިގެންނެވެ. ނައިބު ރައީސް ކަމުން އަހުމަދު އަދީބު ވަކިކުރި ހިސާބުން ވެސް އެމްޑީއޭގެ އެކްޓިވިސްޓުން ދިޔައީ އެ މަގާމަށް ސިޔާމް އައްޔަން ކުރުމަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުންނެވެ.
އެ މައްސަލާގައި ހިޔާލު ތަފާތުވެފައިވަނިކޮށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރުގައި ސިޔާމްއާ ބައްދަލު ކުރި ކަމަށް ވަނީ އަޑުފެތުރިފަ އެވެ. އަދި އެއަށް ބާރު ލިބޭ އަނެއް ކަމަކީ ރޭ ޝައިނީ ކުރެއްވި ޓްވީޓެވެ. އޭނާ ވިދާޅުވީ ސަރުކަރުގެ އިސްވެރިންނަށް ފިޔަވަޅު އަޅަން އީޔޫއިން ލިސްޓުގައި ބައެއް ވިޔަފާރިވެރިންގެ ނަން ހިމެނޭ ކަމަށް ބުނެ ބިރު ދައްކާ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ވިޔަފާރިވެރިއަކަށް ކަމެއް ނުވަތަ އެކަން ކުރަނީ ކޮން ބައެއް ކަމެއް ޝައިނީ ސާފެއް ނުކޮށްދެއްވަ އެވެ.