ހަބަރު

ކޮމިޓީގައި ޖަވާބުދާރީވާން ތައްޔާރު: އާދަމް ޝަރީފް

ޖަވާބުދާރީވުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން ތައްޔާރަށް ހުންނެވި ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ގައުމަށް ނުރައްކަލެއް ވެދާނެ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބެމުންދާކަމަށް އޭނާގެ އަމިއްލަ ފޭސްބުކް ޕޭޖުގައި ނުރަސްމީކޮށް ޕޯސްޓެއް ކުރައްވާފައިވާތީ އެކަމާ ގުޅިގެން، މިނިސްޓަރު ކޮމިޓީއަށް ހާޒިރުކޮށްދިނުން އެދި އިދިކޮޅު ބައެއް މަޖިލިސް މެންބަރުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރަށް މިއަދު ސިޓީ ފޮނުވާފައި ވަނިކޮށެވެ.

ކޮމިޓީއަށް ހާޒިރުވާން ތައްޔާރަށް ހުންނެވިކަން ވެސް މިނިސްޓަރު ހާމަކުރެއްވީ ފޭސްބުކް ޕޯސްޓެއްގަ އެވެ. ކުރު އެ ޕޯސްޓުގައި އިތުރު އެއްޗެއް ވިދާޅެއްނުވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް ގައުމުގެ އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ކަންކަން އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ގާތުން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަން މިހާތަނަށް ވެސް އެއްވެސް ރަސްމީ ގޮތެއްގައި އެއްވެސް ފަރާތަކުން ހާމަ ކުރައްވާފައެއް ނުވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގައުމަށް ނުރައްކާވާ ހާލަތެއް މެދުވެރިކުރަން ބަޔަކު އުޅޭކަމަށް ސިފައިންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުމުން އެ ކަން ފޭސްބުކް ގައި ހިއްސާކުރެއްވީ ވީހާވެސް އަވަހަށް ގިނަ ބަޔަކަށް އެކަން އެންގުމުގެ ގޮތުންނެވެ. ނަމަވެސް އެކަން އެގޮތަށް ހާމަ ކުރެއްވުމުން ބައެއް ފަރާތަކުން އެކަމާ ވަރަށް ބޮޑަށް ސިހިގެން އުޅޭ ފަދައިން އުޅޭތަން ފެންނަމުންދާ ކަމަށާއި އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑު ވިދާޅުވަމުން ގެންދާ ކަމަށެވެ. އެކަމާ ދޭތެރޭ ތަފާތު ނަޒަރަކުން އިދިކޮޅު ފަރާތްތަކުން ވިސްނަންވީ ސަބަބެއް ނުވިސްނޭ ކަމަށްވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

މިނިސްޓަރު އުމަރު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް އެދި އެ ކޮމިޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފަށް ސިޓީ ފޮނުވާފައިވަނީ މައްޗަން ގޯޅި އުތުރުދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީއާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އާއި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އެވެ.

އެސިޓީގައި އެބޭފުޅުން ވިދާޅުވެފައިވަނީ މިނިސްޓަރު އެވާހަކަ ފޭސްބުކްގައި ލިޔުއްވުމަކީ ވަރަށް ޒިންމާދާރު ކުޑަ އަމަލެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ ސުލްހަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނެ މަގު ފަހިކޮށް ދިނުމަކީ ޑިފެންސް މިނިސްޓަރެއްގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ ޒިންމާދާރުކަން ކުޑަ އަމަލެއް އެމަނިކުފާނު ހިންގާފައިވާތީ، މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން މިނިސްޓަރު ކޮމިޓީއަށް ހާޒިރުކޮށް ކޮމިޓީގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބޭއްވުމަށް އެސިޓީގައި އެދިފައި ވެއެވެ.