ވިޔަފާރި

އެއާޕޯޓު ތަރައްގީގެ ބިޔަ މަޝްރޫއަށް ބޮޑެތި ވިޔަފާރިވެރިންގެ ތައުރީފު

ވެލާނާ އިންޓަނޭޝަނަލް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫއަށް ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ތައުރީފު ކޮށްފި އެވެ.

ޕީއެސްއެމް އިން ގެންދިޔަ "މައި ފިއުޗާ- މައިނޭޝަން" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދެއްކަވަމުން ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކް (އެމްޔޫމަނިކް) ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރަން ހިންގާ ބިޔަ މަޝްރޫއަކީ ބޭކާރު ހަރަދެއް ނޫން ކަމަށާ، މިއީ މުސްތަގުބަލަށް ބަލާއިރު އެންމެ ރަނގަޅު އިންވެސްޓްމަންޓް ކަމަށެވެ.

"މިހާރުން މިހާރަށް ވެސް މި ރަންވޭ ހަދަން ޖެހޭ. ނަސީބު ގަދަކަމުން 30 އަހަރު ވަންދެން މި ރަންވޭ އޮތީ. ހުރިހާ ދިރާސާތަކުން ވެސް ވެސް ދައްކާ މިތަން ހަދަން ޖެހޭކަން. އެކަމަކު މިއަދާ ހަމައަށް ވެސް ނުހަދައި އޮތީ،" އެމްޔޫ މަނިކް ވިދާޅުވި އެވެ.

ޗަމްޕާ ހުސެއިން އަފީފު ވިދާޅުވީ ވީއައިއޭ ތަރައްގީ ކުރުން ފަދަ މަޝްރޫއުތައް ނުހިންގައިފިނަމަ ދާނީ ފަހަތަށް ކަމަށެވެ.

"މި ޒަމާނަކީ ހުއްޓި ނުއްޓަސް ފަހަރަށްދާ ޒަމާނެއް. އެހެންވެ މި އެކްސްޕެންޝަން އާއި ތަރައްގީ ގެންނަން ޖެހޭ،" އަފީފު ވިދާޅުވި އެވެ.

ހޮޓެލް އެންޑް ރިސޯޓުގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ރާއްޖެއަށް މިހާރު ތަރައްގީ ގެންނަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ.

"ބައިވަރު ލެގޭންތައް އެބަ ހިއްކާ. ބައިވަރު މަސައްކަތް ތަކެއް ކުރޭ. ތަރައްގީ މި ދަނީ ފުލް ސައިކަލްއެއްގެ ގޮތުގައި. އިކޮނޮމީއެއްގައިނަމަ ހުންނާނެ ރުކުން ތަކެއް. ރާއްޖޭގެ ޓޫރިޒަމްގެ މައި ތަނބަކީ ޓޫރިޒަމް. މައި އެއާޕޯޓް ރަނގަޅު ނުކުރާނަމަ އިކޮނޮމީ ރަނގަޅެއް ނުވާނެ،" ޖަނާހު ވިދާޅުވި އެވެ.

ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފު ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތީ ވަށައި ޖެހޭ 360 ޑިގްރީގެ ސިޔާސަތެއް ކަމަށެވެ.

"ރާއްޖޭގެ އެއާޕޯޓް ތަރައްގީ ކުރުމަކީ ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް. މިއީ ވަރަށް ސަކްސަސްފުލް އިންވެސްޓްމަންޓެއް،" އާސިފު ވިދާޅުވި އެވެ.

ސަރުކާރުން ވީއައިއޭ ތަރައްގީ ކުރުމަށް މިހާރު ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރަ އެވެ. މި މަޝްރޫއުގެ ދަށުން އާ ރަންވޭ އަކާއި ޓާމިނަލް އަދި މި ނޫންވެސް ގިނަ ވަސީލަތްތައް ގާއިމް ކުރާނެ އެވެ.