ހަބަރު

ރައީސަށް ހުރަސް އަޅަން ކޮލަމާފުށީގައި ދެމި ދިދަފަތި ނަގަން އަމުރުކޮށްފި

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ގއ. ކޮލަމާފުއްޓަށް ވަޑައިގަންނަވާތީ، އެ ރަށުގައި އެމްޑީޕީން ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަން ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެކަން ހުއްޓުވުމަށް ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެހިސްޓްރޭޓް ކޯޓުން ފުލުހުންނަށް ރޭ އަމުރުކޮށްފި އެވެ.

ގއ. ޖުޑީޝަލް ދާއިރާއާ ހަވާލުވެ ހުންނެވި ގާޒީ، އަހުމަދު ޝުކޫރު ނެރުއްވާފައިވާ އަމުރުގައި ވަނީ، މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް ގއ. އަތޮޅުގެ ރަށްތަކަށް ރައީސް ޔާމީން ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅަށް ހުރަސް އެޅުމުގެ ގޮތުން ބައްދަލުވުންތަކާއި ޖަލްސާތައް ކުރިއަށް ގެންދާ ސަރަހައްދުތަކުގައި އަޑުގަދަކުރާ ބޭނުން ކޮށްގެން ބައްދަލުވުންތަކާއި ޖަލްސާތަކަށް ހުރަސް އެޅުމަށް ރާވާފައިވާ ކަމަށެވެ.

އަމުރުގައި ވަނީ، ރައީސް ކޮލަމާފުއްޓަށް ވަޑައިގަންނަވާ ދުވަހު ރައީސް ޔާމީން ފަރިއްކުޅުވުމަށް ހަމަޖެހިފައިވާ ޕީޕީއެމް ޖަގަހަ ހިމެނޭ ސަރަހައްދުގައި އަމަން އަމާންކަން ނަގާލައި ފުލުހުންގެ ކޯޑަންތެރެ ހިމެނޭ ސަރަހައްދުގައި އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ދިދަފަތި ދަމައި އަމަން އަމާންކަން ނަގާލުމަށް ބަޔަކު މީހުންގެ ހިތްތަކުގައި ޝައުގުވެރިކަން އުފައްދައި އެސަރަހައްދަށް މީހުން އެއްކޮށް ހަމަނުޖެހުން ހިންހުމަށް ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެހެން ކަމުން އެމައްސަލާގައި ރައީސްގެ ދަތުރުފުޅަށް ހުރަސް އެޅުމުގެ ގޮތުން ކޮލަމާފުށި އެމްޑީޕީ އޮފީސް ކުރިމަތީ، ފުލުހުންގެ ކޯޑިން ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ދިދަފަތި ދަމާފައިވާތީ އެކަމަކީ ރައީސް ފަރިއްކުޅުވާ ސަރަހައްދަށް ބަޔަކު މީހުން ޖަމާ ކުރުމަށް ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ އެ ސަރަހައްދުގައި ހުރި ދިދަ ފޮތިތަކާއި ހަމަނުޖެހުން ހިންގުމަށް މީހުން ޝައުގުވެރިވާފަދަ އެއްވެސް އެއްޗެއް ނުވތަ ލިޔުމެއް ނުވަތަ ޕޯސްޓަރެއް އަދި ބެނާއެއް ހުރި ނަމަ އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އަމުރުގައި ވެއެވެ.

ކޯޓުން ރޭ އަމުރު ނެރުމާއެކު ފުލުހުން ވަނީ އެސަރައްދުގައި ހުރި އެމްޑީޕީގެ ދިދަފަތި ތަކާއި ޕޯސްޓަރުތަކާއި ބެނާތައް ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ރައީސް ޔާމީން ގދ. އަތޮޅުގެ ބައެއް ރަށްރަށަށާއި، ގއ. ގެ ބައެއް ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ހެނދުނު ވަނީ ފުރާވަޑައިގަންނަވާފަ އެވެ. އެގޮތުން ކޮލަމާފުއްޓަށް ވަޑައިގަންނަވަނީ އެރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށެވެ.