ހަބަރު

މަޑަވެލީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި

ގދ. މަޑަވެލީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި އެވެ. އެ މަޝްރޫއުގެ ނިމުން އިފްތިތާހުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.

ޒަމާނުންސުރެ ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފަވާ މަޑަވެލީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެނެވެ. އެގޮތުން ޖުމްލަ 10.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކުރީ އެ އަހަރު އޮގަސްޓު މަހު 18ގަ އެވެ. އަދި މިދިޔަ އަހަރު ޑިސެމްބަރު މަަހުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ނިންމާލައިފަ އެވެ.

އެ މަޝްރޫއުގެ ދަށުން މަޑަވެލީގެ ގިރާ ސަރަހައްދަށް 17,926. ކޮޑި މީޓަރަށް ވެލިއަޅައި، ރަށުގެ ގިރާ ސަރަހައްދުގައި 454.5 މީޓަރުގެ ގޮނޑުދޮށް ބޮޑު ހިލަ ޖަހައިގެން ވަނީ ހިމާޔަތްކޮށްފައިވެ އެވެ.