ދުނިޔެ

މައްސަލަ ހޫނުވެ ސައުދީން ކެނެޑާއަށް ވައިގެ ދަތުރުތައް ހުއްޓާލައިފި

Aug 7, 2018

ރިޔާދު (އޯގަސްޓް 6) - ސައުދީ އަންހެނުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންތަކެއް ހައްޔަރު ކުރުމާއި ގުޅިގެން، އެމީހުން ދޫކޮށްލުމަށް ކެނެޑާއިން ގޮވާލަމުންދާތީ، އެކަމާއި ދެކޮޅަށް ސައުދީ އެއާލައިނުން ކެނެޑާއަށް ކުރާ ދަތުރުތައް ހުއްޓާލައިފި އެވެ.

ސައުދީގެ ދާހިލީ ކަންކަމާބެހޭ ކަމަށް ތުހުމަތުކޮށް ސައުދީ ސަރުކާރުން ވަނީ ކެނެޑާ އާއި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލުމުގެ އިތުރުން، ސައުދީގައި ހުންނަވާ ކެނެޑާ ސަފީރު ވެސް އަނބުރާ ފޮނުވާލާފަ އެވެ.

އެ ފިޔަވަޅުތަކުގެ ރައްދުގައި، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުން ހުއްޓާނުލާނެ ކަމުގައި ކެނެޑާއިން ގެންދަނީ ބުނަމުންނެވެ.

މިދިޔަ މެއި މަހުން ފެށިގެން ސައުދީ ސަރުކާރަށް ފާޑު ކިޔައިގެން، ހައްގުތަކަށް މަސައްކަތް ކުރާ 15 އެކްޓިވިސްޓަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އޭގެ ތެރެއިން އަށް މީހެއްގެ މައްސަލަ މުރާޖައާ ކުރަން ކަމަށް ބުނެ މިހާރު ދޫކޮށްލެވިފައިވާއިރު، ބާކީ ތިބި މީހުންގެ ތެރެއިން ގިނަ ބައެއްގެ ވީތަނެއްވެސް ނޭނގޭކަމަށްވެ އެވެ. މީގެ ތެރެއިން ގިނަ ބަޔަކަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭއިރު، 20 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެކަމަށް ބެލެވެ އެވެ.