ވިޔަފާރި

ބޯޓު ކެޕްޓަނުންނަށް ހާއްސަ ތަމްރީންތަކެއް އެލިއާއިން ފަށައިފި

Aug 7, 2018

ސްޕީޑް ލޯންޗު ދުއްވާ ބޯޓު ކެޕްޓަނުން ނަށް ހާއްސަ ތަމްރީން ތަކެއް އެލިއާ އިވެންޓްމަންޓުން ފަށައިފި އެވެ.

ޗަމްޕާ ސެންޓްރަލްގައި "ބޯޓު އޮޕަރޭޓާސް ޓްރެއިނިން 2018" ތަމްރީން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެލިއާ އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ ވިދާޅުވީ މި ތަމްރީންތަކުގެ މައިގަނޑު މަގުސަދަކީ ކަނޑު އުޅަނދު ފަހަރު ދުއްވާ ކެޕްޓަނުން ހޭލުންތެރި ކުރުވުން ކަމަށެވެ.

"ބޯޓުގައި ދަތުރު ކުރާ ޕެސެންޖަރުންގެ ސަލާމަތަކީ އެންމެ ބޮޑަށް އިސްކަން ދޭން ޖެހޭ ކަމެއް. މި ތަމްރީންތަކުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް މިއީ،" އަލާއު ވިދާޅުވި އެވެ.

ފަސް ވަނަ ފަހަރަށް އެލިއާ އިން ބާއްވާ މި ތަމްރީން ޕްރޮގްރާމުގައި މި އަހަރު 40 އަށްވުރެ ގިނަ ބައިވެރިން، ބައިވެރިވެފައިވެ އެވެ. މި ޕްރޮގްރާމުގައި ތަމްރީން ދޭނީ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީސް އާއި ކޯސްޓް ގާޑުންނެވެ.

މި ތަމްރީން ޕްރޮގްރާމް ފެށުމުގެ ގޮތުން، ޔަމަހާގެ ފަރާތުން ބައިވެރި ވަޑައިގަތް، ޔަމަހާ އޯވަސިސް މާކެޓް ޑިވްލޮޕްމަންޓް އޮޕަރޭޝަންސް (އޯއެމްޑީއޯ) އޮޓްސުކީ ކަންޖީ ވިދާޅުވީ ޔަމަހާގެ އުފެއްދުންތަކަކަށް ރާއްޖޭން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އަދި މި އުފެއްދުންތަކުގެ އިތުބާރު ބޮޑުވެގެން ދިއުމުގެ މައިގަނޑު އެއް ސަބަބަކީ އެލިއާއިން ކުރަމުންދާ ބުރަ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެލިއާއިން ދަނީ ޔަމަހާގެ ގިނަ އުފެއްދުންތަކެއް ރާއްޖޭގައި ފޯރުކޮށްދެމުންނެވެ. އެލިއާ ކުންފުންޏަށް 54 އަހަރު ފުރުނުއިރު ޔަމަހާގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާތާ 44 އަހަރު ވަނީ ވެފަ އެވެ.