ހަބަރު

ރިލްވާނަށް އިންސާފު ހޯދަން ގޮވާލާ ހިނގާލުމެއް މާދަމާ ބާއްވަނީ

ވީ ނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲއަށް އިންސާފު ހޯދަދިނުމަށް ގޮވާލާ ހިނގާލުމެއް މާދަމާ ހަވީރު މާލޭގައި ބޭއްވުމަށް އާއިލާއިން ނިންމައިފި އެވެ.

ރިލްވާންގެ އާއިލާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްތަ މަރިޔަމް ފަޒްނާ ވިދާޅުވީ، ރިލްވާނު ގެއްލުނުތާ ހަތަރު އަހަރު ފާއިތުވެފައިވާއިރުވެސް، އޭނާއަށް ވީގޮތް ބުނެދޭން ނުކުޅެދި، މައްސަލައިގެ ތަހުގީގަށް ފުލުހުން އިހުމާލުވުމުގެ ސަބަބުން ހެކި ނެތިގެން އޭނާ ގެއްލުވާލިކަމަށް ތުހުމަތުކުރެވޭ މީހުން މިނިވަންވެފައިވާތީ އިންސާފަށް އަޑު އުފުލުމަށް އާއިލާގެ ފަރާތުން މާދަމާ މާލޭގެ މަގުމަތީގައި ހިނގާލުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ހެޔޮ އެދޭ ހުރިހާ ފަރާތްތަކުން ހިނގާލުމުގައި ބައިވެރިވުމަށް ފަޒްނާ ވަނީ އެދިިފަ އެވެ.

ރިލްވާނަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލާ ހިނގާލުން ފަށާނީ މާދަމާ ހަވީރު 4:00 ގައި މަޖީދިމަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތިންނެވެ.

އާއިލާއިން ބުނީ، މާދަމާގެ ހިނގާލުން ވެގެންދާނީ ވަރަށް ސުލްހަވެރި ހިނގާލުމަކަށް ކަމަށެވެ. އެހެންކަމުން ފުލުހުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ސޯޝަލް މީޑިއާގައި މޮޔަ މީހާގެ ނަމުން މަޝްހޫރުވެފައިވާ ރިލްވާން 2014 ވަނަ އަހަރުގެ އޮގަސްޓް 8 ގައި ގެއްލުނު ފަހުން މިއަދާ ހަމައަށް ވެސް އޭނާގެ އެއްވެސް ހަބަރެއް ނުވެއެވެ. އެ މައްސަލާގެ ޝަރީއަތް މިމަހުގެ ދެވަނަ ދުވަހު ނިންމާލާފައިވަނީ ހެކި ނެތުމުގެ ސަބަބުން، މައްސަލާގައި ތުހުމަތުވެފައިވާ މީހުން މިނިވަންވެގެންނެވެ.