ހަބަރު

ސިޔާސީ ރުޅިވެރިކަމުގެ ތެރެއަށް ރިލްވާން ނުވައްދަން އާއިލާއިން އެދިއްޖެ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލަ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ކުރީގެ އެންމެ އަރިސް އަހުމަދު އަދީބުގެ ސިޔާސީ ރުޅިވެރިކަމުގެ ތެރެއަށް ނުވައްދައި މައްސަލާގައި ތަހުގީގު ހިންގުމަށް އާއިލާއިން ގޮވާލައިފި އެވެ.

އާއިލާއިން ވަނީ ރިލްވާންއާ ގުޅޭ ގޮތުން ދެ ރަށުގައި ރައީސް އަބްދުﷲ ޔާމީން ދެގޮތަށް ވާހަކަފުޅު ދައްކަވާފައިވާތީ ކަންބޮޑުވުން ފާޅުކޮށް އެ ވާހަކަފުޅުތައް ތަހުގީގުކޮށްދިނުމަށް ފުލުހުން ކިބައިން އެދޭ ކަމަށް ވެސް ބުނެފަ އެވެ.

މާދަމާ ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނުތާ ހަތަރު އަހަރު ފުރޭއިރު މިއަދު ހެނދުނު ރިލްވާންގެ މައްސަލަ ބަލަން ނުޖެހޭ ކަމަށް ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ވިދާޅުވި ކަމަށް ބުނެ ރިލްވާން ގެއްލުވާލި އިރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ނެރުނު ނޫސްބަޔާނެއް ނެރުއްވާފައިވެ އެވެ.

އަދީބުގެ އެ ތުހުމަތު ދޮގު ކުރައްވައި މިއަދު ގދ. މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރިލްވާންގެ މަރުވެފައިވާ ކަމަށާއި އެކަމަށް އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އޭނާގެ ތަހުގީގު ފުލުހުން ގެންދާނެ ދާނެ ކަމަށާއި ރައީސްގެ އިސްތަށިފުޅުގައި އަދީބު އަޅުއްވާ ތުހުމަތުތަކަކީ ދޮގެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އޭގެފަހުން ރައީސްގެ ވާހަކަތައް އޮޅުވާލަނީ ކަމަށް ވިދާޅުވެ، ގދ. ފަރެސްމާތޮޑާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަޑަވެލީގައި އެމަނިކުފާނު ވިދާޅުވި ވާހަކައިގެ ބޭސްލައިންއަކީ ރިލްވާންގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކައަކީ ދޮގުކަން ހާމަކޮށްދިނުން ކަމަށާއި އެއްގޮތަކަށް ވެސް ރިލްވާން މަރު ސާބިތު ކުރުން ކަމެއް ނޫން ކަމަށެވެ. އެކަން ފުލުހުން ތަހުގީގު ކުރުމަށް ފަހު އެކަންކަން ސާބިތު ކުރާނީ ކޯޓުން ކަމަށާއި ނަމަވެސް އިރާދަކުރެއްވިއްޔާ ރިލްވާން މަރެއް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒް ބުނީ، ރިލްވާންގެ މައްސަލަ "ކުޅޭކުޅޭ" މައްސަލައަކަށް ހައްދަވައިގެން އެކި ފަހަރު އެކި ގޮތަށް ރައީސް ވާހަކަފުޅު ދައްކަވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އާއިލާ ބޮޑު ހިތާމައެއްގައި ތިއްބާ އަދީބާއި ރައީސްގެ ދެމެދުގައި އޮތް ސިޔާސީ ރުޅިވެރިކަމުގެ ތެރެއަށް ރިލްވާން ވައްދައި ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތު ކުރައްވާ ވާހަކަ ދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ރައީސް އެއް ރަށުގައި މި ވިދާޅުވަނީ ރިލްވާންވީ މަރުވެފައޭ، އެހެން ވިދާޅުވާއިރު އެ ވިދާޅުވެވޭ އެއްޗެއްގެ ބޮޑު ކަމެއް ނުވިސްނަވާ، އެކަމާ ހިތާމަ ކުރާނެ ބަޔަކު ތިބޭނެ ކަމެއް ނޭނގެ، އަނެއްކާ ފަހުން ވާހަކަ މި ބަދަލުކޮށްލައްވަނީ،" ޝެހެނާޒް ބުންޏެވެ.

ޝެހެނާޒް ބުނީ، ރައީސް ދެ ރަށުގައި ރިލްވާންއާ ގުޅޭ ގޮތުން ދެ ގޮތަށް ވާހަކަފުޅު ދައްކަވާފައިވާތީ ތަފާތު ތުހުމަތުތައް ކުރެވޭތީ އެކަން ތަހުގީގުކޮށްދިނުމަށް ފުލުހުން ކިބައިގައި އެދޭނެ ކަމަށެވެ. ރިލްވާންގެ މައްސަލާގައި އިންސާފު ހޯދުމަށް އެއްވެސް ކަމެއް އެ އާއިލާއިން ދޫނުކޮށްލާނެ ކަމަށް ވެސް ބުންޏެވެ.

ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހު އެވެ. އެކަމަށް މި މަހު ހަތަރު އަހަރު ފުރޭއިރު މިހާތަނަށް ރިލްވާންއަށް ވީގޮތް ފުލުހުން ހޯދިފައެއް ނުވެ އެވެ. އެ މައްސަލާގައި ތަހުގީގެއް ހިންގައި ދައުވާ ކުރި ހަމައެކަނި މީހުން ވެސް ވަނީ މިނިވަންވެފަ އެވެ.

އެ މައްސަލާގައި ކުރި ހުކުމުގައި ފުލުހުންގެ ގިނަ އިހުމާލުތަކެއް ހުރިކަން ކުރިމިނަލް ކޯޓުން ވަނީ ފާހަގަކުރައްވައިފަ އެވެ. ހުކުމުގައި ބުނީ، ތަހުގީގުގައި ކޮންމެހެން ދޫކޮށްލައިގެން ނުވާނެ އުސޫލުތަކަށް މި މައްސަލާގައި ފުލުހުން އެއްގޮތަކަށް ވެސް އަމަލުކޮށްފައިނުވާ ކަމަށެވެ.