ހަބަރު

ރައީސް އިރުޝާދު ދެއްވަނީ ރިލްވާންއަށް ވީގޮތް ހޯދަން: ޝައިނީ

ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހެއްދެވީ ދޮގެއް ކަމަށާއި ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲއަށް ވީގޮތުގެ ހަގީގަތް ހޯދުމަށް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ މިހެން ވިދާޅުވީ ރިލްވާންގެ މައްސަލަ ބަލަން ނުޖެހޭ ކަމަށް ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ވިދާޅުވި ކަމަށް ބުނެ ރިލްވާން ގެއްލުވާލި އިރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ނެރުނު ނޫސްބަޔާނަކާ ގުޅިގެންނެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ، މި ސަރުކާރުގެ ކެބިނެޓްގައި ފެށީންސުރެ މިއަދާ ހަމައަށް އިންނެވި މިނިސްޓަރެއްގެ ހައިސިއްޔަތުން އަދީބު ރައީސް ޔާމީންގެ އިސްތަށިފުޅުގައި އެޅުއްވި އިލްޒާމް ދޮގު ކުރައްވާ ކަމަށެވެ.

"ރައީސް ޔާމީން އަބަދުވެސް އިރުޝާދު ދެއްވީ އަދި ދެއްވަނީ ވެސް ރިލްވާންގެ މައްސަލާގެ ހަގީގަތް ހޯދަން،" ޝައިނީ ވިދާޅުވި އެވެ.

ރިލްވާނު ގެއްލުނުތާ މާދަމާއަށް ހަތަރު އަހަރު ފުރޭ އިރު، އެ ހާދިސާއާ ގުޅިގެން ތަފާތު ގޮތް ގޮތަށް ވާހަކަ ދެކެވި އެކި ފަރާތްތަކަށް ތުހުމަތު އިގިިލި އަމާޒުވެގެން އައި އިރު އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބުގެ ނަން ވެސް ހިމެނުނެވެ. ނަމަވެސް އެއީ އެއްވެސް ވަރަކަށް ސާބިތުވެފައިވާ ތުހުމަތެއް ނޫނެވެ.

އެކަމާ ގުޅިގެން ރައީސް ޔާމިން މިއަދު ވިދާޅުވީ ކެބިނެޓު ފެންވަރުގައި ނަގައިގެން ކުރި މަސައްކަތަކީ އެމަނިކުފާނުގެ ލޯންޗު ގޮއްވާލި ހާދިސާ ކަމަށާއި އެ ލޯންޗު ގޮއްވާލަން އަދީބު މަސައްކަތް ކުރި ސަބަބު އޭނާ ވިދާޅުވާން ޖެހޭ ކަމަށެވެ. މީހުންގެ މަރުގެ މައްސަލަތައް ފުލުހުން މިއަދު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަންކަމަށް ފުލުހުން ޖަވާބުދާރީވެސް ވާނެ ކަމަށެވެ.

ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހު އެވެ. އެކަމަށް މި މަހު ހަތަރު އަހަރު ފުރޭއިރު މިހާތަނަށް ރިލްވާންއަށް ވީގޮތް ފުލުހުން ހޯދިފައެއް ނުވެ އެވެ. އެ މައްސަލާގައި ތަހުގީގެއް ހިންގައި ދައުވާ ކުރި ހަމައެކަނި މީހުން ވެސް ވަނީ މިނިވަންވެފަ އެވެ.

އެ މައްސަލާގައި ކުރި ހުކުމުގައި ފުލުހުންގެ ގިނަ އިހުމާލުތަކެއް ހުރިކަން ކުރިމިނަލް ކޯޓުން ވަނީ ފާހަގަކުރައްވައިފަ އެވެ. ހުކުމުގައި ބުނީ، ތަހުގީގުގައި ކޮންމެހެން ދޫކޮށްލައިގެން ނުވާނެ އުސޫލުތަކަށް މި މައްސަލާގައި ފުލުހުން އެއްގޮތަކަށް ވެސް އަމަލުކޮށްފައިނުވާ ކަމަށެވެ.