ހަބަރު

ސިނާން ޖަލުގައި 6 މަސް: "ބޭއިންސާފަށް ބޯލެނބުމެއް ނެތް"

އަނިޔާވެރިކަމާއި ބޭއިންސާފުން ކިތަންމެ ދުވަހަކު ބަންދުގައި ބެހެއްޓި ނަމަވެސް އަޒުމަށް ބަދަލެއް ނާންނާނެ ކަމަށް މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން މިއަދު ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިނާން ހައްޔަރުކުރީ ފެބުރުއަރީ މަހުގެ ނުވަވަނަ ދުވަހު އެވެ. މިއަދަށް އޭނާ ހުކުމަކާ ނުލާ ބަންދުގައި ހުންނަވާތާ ހަ މަސް ދުވަަސްވީ އެވެ.

އެކަމާ ގުޅިގެން ސިނާން، އޭނާގެ ޓްވިޓާ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި ވިދާޅުވީ، އަނިޔާވެރިކަމާ ދެކޮޅަށް 600 އަހަރުވަންދެން ޖަލުގައި ހުންނަން ޖެހުނަސް އަޒުމަކަށް އަދި ހިތްވަރަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީގައި ދުވަހަކު ވެސް ކަނދުރާ ތިރި ނުކުރައްވާނެ ކަމަށް ވެސް ސިނާން ވިދާޅުވި އެވެ.

"އަޅުގަނޑު މައްޗަންގޯޅީ ދެކުނުގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އާދޭހާއެކު މި އެދެނީ ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް 23 ސެޕްޓެމްބަރުގައި ވޯޓު އެޅުމަށް، އިންޝާﷲ ވަރަށް އަވަހަށް ތިޔަ ލޮބުވެތި ރައްޔިތުންނާ ބައްދަލު ކުރާނަން،" ސިނާން ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިނާން ހައްޔަރުކުރުމަށްފަހު އެ ހާލަތު ނިމެން ކައިރިވުމުން ސިނާންގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖެހި އެވެ. އޭގެ ފަހުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. އެ ޝަރީއަތުގައި އަދި ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވެސް ސިނާންގެ ބަންދަށް ލުޔެއް ދެއްވުމަށް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވާއިރު އޭނާއަށް ޓެރަރިޒަމްގެ ތުހުމަތުކުރާކަން ފުލުހުން އެންގީ ހައްޔަރުކޮށްފައި ހުންނަވާތާ 35 ދުވަސް ފަހުންނެވެ. އެއީ އޭނާގެ ބަންދު އިތުރުކުރުމަށް ގެނައުމުގެ އެއް ދުވަސް ކުރިންނެވެ.

ސިނާން ހައްޔަރުކުރިއިރު އޭނާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތެއް ނުކުރެ އެވެ. އޭރު ކުރީ ގާނޫނީ އުގޫބާތުގެ ދަށުން ފަސް ތުހުމަތެކެވެ. އެއީ ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމާއި ވޯޓު ދޭން ހުރި މީހަކަށް ބިރު ދައްކައި ނުފޫޒު ފޯރުވުމާއި ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.

މި ތުހުމަތުތަކާއެކު ސިނާން ރާއްޖެ ވަޑައިގަތުމާއެކު ހައްޔަރުކޮށް ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ ދޫކޮށްލި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރީ އޭގެ ފަހުންނެވެ.