ސިއްހީ ހާލުކޮޅު ގޯސްވުމާ ގުޅިގެން ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންގޮސް ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އޭގެ ފަހުން އެމަނިކުފާނު ބަންދުގައި ހުންނަވާތާ މިހާރު ވަނީ ހަ މަސް ދުވަސްވެފަ އެވެ. ޖަލު ހުކުމެއް ވެސް ތަންފީޒު ކުރައްވަމުންދާއިރު ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޗަރީއަތް ނިމެންދެން ވަނީ ބަންދު ވެސް ކޮށްފަ އެވެ.
ރައީސް މައުމޫންގެ ވަކީލް މުހައްމަދު ފައިސަލް މިއަދު އަވަސްއަށް ވިދާޅުވީ، މި މަހުގެ ފުރަތަމަ ދުވަހު ރައީސް މައުމޫންގެ ހާލުކޮޅު ޑޮކްޓަރަކު ބެއްލެވި ކަމަށާއި އެ ޑޮކްޓަރު ވަނީ ރައީސް މައުމޫން ކަނޑުދަތުރުފަތުރު ނުކުރެއްވުމަށް ލިޔުމުން އަންގަވާފަ ކަމަށެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫނަށް ވަނީ ވެއްޓިވަޑައިގަތުމުގެ އާލާސްކަންފުޅަކާ ކުރިމަތިވެފަ އެވެ. އެހެންވެ އެމަނިކުފާނު އެކަހެރިކޮށް ނުހުންނެވުމަށް ވެސް ޑޮކްޓަރުން މީގެކުރިން ލަފާ ދީފައިވެ އެވެ. އަދި އިސްތަށިފުޅަށް ބުރަނުވާނެ ގޮތަށް އުޅުއްވުމަށް ވެސް އެމަނިކުފާނަށް ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ.
ފައިސަލް ވިދާޅުވީ، މާފުށިން މާލެއަށް އަންނަން 40 މިނެޓް ނަގާއިރު ކޯޓުގައި ވެސް ރައީސް މައުމޫން އެތައް އިރެއްވަންދެން އިންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ޝަރީއަތުގައި ވެސް އަދި ޝަރީއަތް ފެށުމުގެ ކުރިން ވެސް އެތައް ވަގުތެއް ހޭދަވާ ކަމަށެވެ. އެހެންވެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ކޯޓަށް ހާޒިރުވާން އެމަނިކުފާނު އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
ފައިސަލް ވިދާޅުވީ، އެކަންކަން އެހެން ހުރުމުން ރައީސް މައުމޫން ވަނީ ގާނޫނު އަސާސީއިން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ހާޒިރުގައި ޝަރީއަތް ހިންގުމުގެ ހައްގު ދޫކޮށްލައްވަން ނިންމަވާފަ އެވެ. އަދި އެމަނިކުފާނުގެ ފަރާތުން ދައްކަވަން ޖެހޭ ހުރިހާ ވާހަކައެއް ދައްކަވާނީ ވަކީލުން ކަމަށް ވެސް ކުރިމިނަލް ކޯޓަށް ފޮނުއްވި ސިޓީގައި ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށެވެ.
އެ ސިޓީއަށް އަދި ކުރިމިނަލް ކޯޓުން ޖަވާބެއް ނުލިބޭކަން ފައިސަލް ފާހަގަކުރެއްވި އެވެ. މާދަމާއަށް ރައީސް މައުމޫންގެ ޓެރަރިޒަމްގެ މައްސަލާގެ އަޑުއެހުމެއް ކުރިން ތާވަލުކުރި އެވެ. ނަމަވެސް މިހާރު ވަނީ އެ އަޑުއެހުން ކެންސަލްކޮށްފަ އެވެ.