ވިޔަފާރި

އުރީދޫ ދިވެހި ބަހާ ގާތަށް: އެޕް ދިވެހި ބަހަށް!

Aug 9, 2018

އެޕްލިކޭޝަންތައް ދިވެހި ބަހުން ލިބެން ހުންނަނީ މަދުންނެވެ. އެއް ސަބަބަކީ އެފަދަ ހިޔާލުތައް މަދުވުން ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް ރާއްޖޭގައި ހިދުމަތްދޭ ގަތަރުގެ އުރީދޫ މޯލްޑިވްސްއިން މިވަނީ އެފަދަ މުހިންމު ފިޔަވަޅެއް އަޅައިފި އެވެ. ދިވެހި ބަހަށް ހާއްސަ ހިދުމަތެއްކޮށް ދިނުމުގެ ގޮތުން ފުރަތަމަ ފަހަރަށް މުޅިން ދިވެހި ބަހުން އަމިއްލަފުޅަށް ހިދުމަތް ހޯއްދޭނެ އެޕެއް އުރީދޫ އިން މިވަނީ ނެރެފަ އެވެ.

"އާންމު ދުނިޔޭގައި ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ހިދުމަތްތަކުގެ ދައުރު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދާއިރު، ފަސޭހަކަމާއި އެކު އަމިއްލަ ބަހުން މި ޚިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު އޮތުމަކީ ވަރަށްވެސް މުހިއްމު ކަމެއް. އަޅުގަނޑުމެންގެ ޚިދުމަތްތަކަކީ ކޮންމެ ދިވެއްސަކަށްވެސް ފަސޭހައިން ބޭނުންކުރެވޭ ޚިދުމަތްތަކަށް ހެދުމުގެ ނިޔަތުގައި، މައި އުރީދޫ އެޕް ދިވެހި ބަހުން ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ހާން ވިދާޅުވި އެވެ.

މައި އުރީދޫ އެޕް ދިވެހި ބަހުން ތައާރަފުކޮށްދެއްވީ ޗަމްޕާ ސެންޓްރަލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން އަދި ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ އެވެ

ނަޖީބު ވިދާޅުވީ ސެލްފް-ކެއާ މޮބައިލް އެޕްލިކޭޝަން ދިވެހި ބަހުން ފުރިހަމަ ކުރުމުގައި ދިވެހިބަހުގެ އެކެޑެމީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށެވެ.

މައި އުރީދޫ އެޕް ފަރުމާ ކުރެވިފައި ވަނީ، ކޮންމެތާކު ހުރެގެން، ކޮންމެ ގަޑިއެއްގައިވެސް އުރީދޫގެ ހިދުމަތް ކަސްޓަމަރުންނަށް ހޯދޭނެ ގޮތަށެވެ. މި އެޕު މެދުވެރިކޮށް ލިބޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި؛

  • އެކައުންޓުގެ ބާކީ، ބޭނުން ކުރެވިފައިވާ މިންވަރު، އަދި ބިލުކުރެވިފައިވާ އަދަދު ހޯދުން
  • އެޑް-އޯންތައް އަދި އެހެނިހެން ހިދުމަތްތައް ޚިޔާރުކުރެއްވުން
  • އުރީދޫގެ ބިލުތައް ބައްލަވައި، ބިލު ދެއްކުން
  • ރާސްޓަސް މެދުވެރިކޮށް، ޕްރީޕެއިޑް އެކައުންޓަށް ފައިސާ އެޅުންެ
  • ވެދުން ޕޮއިންޓްތައް ބައްލަވައި، ފައިދާހުރި ތަފާތު އެކި ކަންތައްތަކަށް ބޭނުންކުރެއްވުން
  • މަގޭ ޕްލޭން މެދުވެރިކޮށް، އަމިއްލަފުޅަށް ބޭނުންވާ ޕްލޭން ފަރުމާކޮށް ބޭނުންކުރުން، އަދި އެހެން ކަސްޓަމަރުންނަށް ހަދިޔާކުރުން
  • ހިލޭ ގުޅޭ ނަމްބަރުތައް، އަދި ރީތި ޓިއުންސް ފަދަ ހިދުމަތްތައް އެކްޓިވޭޓް ކުރެއްވުން.
  • އުރީދޫ އިން ކުރިއަށްގެންދާ ޚާއްސަ ޕްރޮމޯޝަންތަކާއި، އޮފަރތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުން

ދިވެހި ބަހުން އުރީދޫ އެޕް ތައާރަފްކުރުމާއި އެކު އުރީދޫ އިން އުއްމީދު ކުރަނީ، މި ފަސޭހަ ހިދުމަތްތައް އަމިއްލަ ބަހުން އިތުރު ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވުމެވެ. މި ހާއްސަ ކުރިއެރުންތަކާއި އެކު ތައާރަފްކުރެވިފައިވާ މައި އުރީދޫ އެޕް، ގޫގުލް ޕްލޭ ސްޓޯރ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު ޑައުންލޯޑްކުރެވޭނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އައިއޯއެސް ބޭނުންކުރައްވާ ކަސްޓަމަރުންނަށްވެސް، އެޕް ސްޓޯ މެދުވެރިކޮށް ލިބިގެންދާނެއެވެ. ޑިޖިޓަލް ދިވެހިރާއްޖެ އަކަށް އެއްބާރުލުންދީ، ދިވެހިބަހުން ބޭނުންކުރެވޭ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އުރިދޫގެ ޕާޓްނަރުންނާއި ދިވެހި ޑެވެލޮޕަރުންނާއި އެކު އުރީދޫ އިން މަސައްކަތް ކުރަމުންދާނެ އެވެ.