ކްރިސްޓިއާނޯ ރޮނާލްޑޯ ނެތް ތަނެއް ރެއާލް މެޑްރިޑަށް ނުދައްކާނެ ކަމަށާއި ބޭލް އާއި އެހެން ކުޅުންތެރިންގެ މަސައްކަތުން އެތަން ފޫބެދޭނެ ކަމަށް ރެއާލްގެ ޒުވާން މިޑްފީލްޑަރު ޑެނީ ސަބަޔޯސް ބުނެފި އެވެ.
ރެއާލްގައި ނުވަ އަހަރު ހޭދަކުރުމަށް ފަހު ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް ބަދަލު ވެފަ އެވެ. ރޮނާލްޑޯގެ ބަދަލުގައި އިތުރު ކުޅުންތެރިޔަކު ގެނެސްފަ އެއް ނުވެ އެވެ. ސްޕެއިންގެ މިޑީއާތަކުން ބުނީ، ރޮނާލްޑޯ ރެއާލް ދޫކޮށްލުމުން ޓީމުގެ ހަމަލާތަކުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާނީ ބޭލް ކަމަށެވެ. އެމެރިކާގައި ކުރިއަށް ގެންދިޔަ ޕްރީ ސީޒަން ޓޯނަމަންޓްގައި ބޭލް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
އޭނާ ބުނީ އާ ކޯޗް ހުލެން ލޮޕެޓެގީގެ ސްޓައިލަށް ޓީމު ހޭނެން އިތުރު ވަގުތު ކޮޅެއް ބޭނުންވާ ކަމަށާއި އެކަމުގައިވެސް ބޮޑު ކުރިއެރުމެއް ލިބެމުން އަންނަ ކަމަށެވެ.
"އާ ކޯޗުގެ ދަށުން ކުޅުމަކީ ފަސޭހަކަމެއް ނޫން، ނަމަވެސް ހަމަލާތަކުގައި އަހަރެމެން ވަރަށް ރަނގަޅު، ކޯޗް ބޭނުންވާ ގޮތަށް މަސައްލަތް ކުރޭ އެއީ ލަނޑު ޖެހުމާއި މެޗުތަކުން މޮޅުވުން." ރެއާލް މެޑްރިޑް ޓީވީގައި ވާހަކަ ދައްކަމުން ބޭލް ބުންޏެވެ.
ރެއާލްގެ ޒުވާން ޑިފެންޑަރު ޑެނީ ސަބަޔޯސް ބުނީ، އާ ކޯޗު ހުލެން ލޮޕެޓެގީގެ އާ ސްޓައިލްއާއެކު ޓީމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމަށެވެ. ލޯނެއްގެ ދަށުން ކޮވަޗިޗް ޗެލްސީއަށް ބަދަލުވުމުން ކުރިއަށް އޮތް ސީޒަންގައި ސަބަޔޯސްގެ ދައުރު ރެއާލްގައި ބޮޑު ވާނެ އެވެ.
"އަހަރެމެން މިހާރު މި ކުޅެނީ ތަފާތު ކޮށް، އެހެން ވައްތަރެއްގެ ޕާސިން ގޭމެއް، އަދި ޕޮޒިޝަންތައް ދުރުގައި އަތުރާލައިގެން ތިބެ، އެއީ ކޯޗް އެންމެ ފުރަތަމަ ދުވަހުވެސް ބޭނުންވި ގޮތަކީ،" ސަބަޔޯސް ބުންޏެވެ. "މެޑްރިޑްގައި އެބައޮތް އަމާޒެއް، ބޭލް ވަނީ ވަރަށް ބޮޑަށް ކުރިއެރުން ހޯދާފައި، ކަރީމް [ބެންޒެމާ} ވެސް އެބަހުރި، އަދި މާކޯ [އެސެންސިއޯ] ކޯޗަށް ފާހަގައެއް ނުވާނެ ރޮނާލްޑޯ ނެތް ތަނެއް."
ރޮނާލްޑޯގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ގެންނަން ރެއާލުން މަސައްކަތް ކުރި އެވެ. އެ ޓީމުން ގެންނަން މަސައްކަތް ކުރީ ޗެލްސީގެ ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑް އެވެ. ނަމަވެސް ހަޒާޑް ދޫކޮށްލަން ޗެލްސީއަކުން ބޭނުމެް ނުވި އެވެ. ރެއާލުން ވަނީ ޗެލްސީގެ ކީޕަރު ކޯޓުއާ ގެނެސްފަ އެވެ.