ރެއާލް މެޑްރިޑް ދޫކޮށް ދާ ވާހަކަ، މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ފައިނަލު ގެ ކުރިން، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފައި ވާ ކަމަށާއި، އޭނާ ދިއުމުން ރޮވުނު ކަމަށް ރެއާލްގެ ވައިސް ކެޕްޓަން، މާސެލޯ ވިއޭރާ ބުނެފި އެވެ.
ބްރެޒިލްގެ ކުޅިވަރު ޗެނަލް، "އެސްޕްރޯޓޭ އިންޓަރިޓިވޯ" އަށް މާސެލޯ ދިން އިންޓަވިއުގައި. އޭނާ ބުނީ ރެއާލްގެ ކޯޗަކަށް ޒިދާން ހުރިއިރު، އޭނާގެ ކިބައިން 100 ޕަސަންޓް ޒިދާން ނެރެދިން ކަމަށެވެ. އަދި ޒިދާން ކުލަބު ދޫކޮށްލުމުން ލިބުނީ ޝޮކެއް ކަމަށް ރެއާލްގެ ވާތު ބެކް ބުންޏެވެ.
"އެއީ އެއްގޮތަކަށްވެސް އަހަރެމެން ހީކޮށްގެތިބި ގޮތެއް ނޫން، އަހަރެމެންގެ ތެރެއިން އެއްވެސް މީހަކަށް އެނގިފައެއްވެސް ނެތް،" ޒިދާން ކުލަބު ދޫކޮށް ދިއުމާ ބެހޭގޮތުން މާސެލޯ ވާހަކަ ދެއްކި އެވެ. "އެއީ ހުރިހާ ކަމެއްވެސް ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް، ނަމަވެސް އެންމެ ފަހުން ޒިދާން ކުލަބު ދޫކޮށް ދިއުމުން އަހަރެމެންނަށް ލިބުނީ ޝޮކެއް."
"ޒިދާން އާއި އަހަންނާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮތް، އޭރު އަހަރެމެން ކޮންމެ ދުވަހަކުހެން އެކަކު އަނެކަކާ ވާހަކަ ދައްކަން، އޭނާ އަހަންނާމެދު ވަރަށް ޝައުގުވެރިވާނެ، އޭނާ އަހަރެން ދިފާއުކޮށް ދޭނެ، ޕްރޮފިޝަނަލްގެ ގޮތުން ޒިޒޮއު [ޒިދާން] އަހަންނަށް ވަރަށް ރަނގަޅު، އޭނާ ކޯޗަކަށް ހުރިއިރު އަހަރެނެގެ ފަރާތުން 100 ޕަސަންޓް ނެރދިން، އަހަރެންވެސް އޭނާއަށް ޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރިން އަހަރެންގެ ހުރިހާ ހަކަތައެއް ދިނިން، އެންމެ ފުރިހަމަކޮށް ބުނަންޏާ ޒިދާންއަށް އަހަރެންގެ ހުރިހާ އެއްޗެސް ވެސް ދިނިން."
ޒިދާން، ކުލަބު ދޫކޮށް ދިޔައިރު، ރެއާލްގެ ގިނަ ކުޅުންތެރިން ތިބީ، ވޯލްޑްކަޕަށް ތައްޔާރު ވާތީ ގައުމީ ޓީމަށް ހުސްވެ އެވެ. ހަމަ އެދުވަސް ވަރު، ރޮނާލްޑޯވެސް ރެއާލް ދޫކޮށްލަން އުޅޭ ވާހަކައިގެ އަޑު ފެތުރިގެން ދިޔަ އެވެ. ރޮނާލްޑޯ ކުލަބު ދޫކޮށްލާކަށް މާސެލޯ އަށް އެނގިފައިވާއިރުވެސް، އޭނާ އޭރު ވާހަކަ ދެއްކީ، ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށް ނުލާނެ ކަމަށެވެ. ،މާސެލޯ ބުނީ އޭނާއަށް ހަގީގަތް އެނގެއިރުވެސް އޭރު އެގޮތަށް ވާހަކަ ދެއްކީ، އެގޮތަށް ކަންތައް ކުރަން ޖެހޭކަން އޭނާއަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
"ޗެމްޕިއަންސް ލީގް ފައިނަލުގެ އެންމެ ފަހު ޕްރެކްޓިސް ނިންމާފައި، ސްޓޭޑިއަމްގެ ޓަނަލަށް ވަންނަމުން އޭނާ އަހަރެން ކައިރީ ބުނީ، ތިމަންނަ ކުލަބު ދޫކޮށް ދާށޭ މިއުޅެނީ،" މާސެލޯ ކިޔައިދިނެވެ. "އެރޭ މުޅިންހެން އަހަރެން ވިސްނީ އެކަމާ، އަހަރެން ވަރަށް ދެރަވި.