ހަބަރު

ހިތުގެ ބައިޕާސް ސާޖަރީއާއެކު އޭޑީކޭ ތާރީހުގެ ތެރެއަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ނުވަތަ އޮޕެން ހާޓް ސާޖަރީއެއް އޭޑިކޭއިން ކޮށްފި އެވެ.

އޭޑީކޭއިން އިއްޔެ ކޮށްފައި ވަނީ އުމުރުން 54 އަހަރުވީ މީހެއްގެ އޮޕަރޭޝަނެކެވެ. އޭނާއަކީ މާފުށީ ޖަލުގައި ހުކުމެއް ތަންފީޒުކުރަމުން އަންނަ ދިވެއްސެކެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން ވިދާޅުވީ، ގައިދީއެއްގެ ހިތުގެ އޮޕަރޭޝަނެއް ކުއްލި ގޮތަކަށް ކުރަންޖެހުނީ، އޭނާގެ އެންޖީއޯގްރާމެއް ހަދަންޖެހިގެން އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ގެނެސް ހެދި ސްކޭނުން އޭނާގެ ހިތުގެ ނާރެއް ބެދިފައިވާ ކަމަށް ދެއްކުމުން ބައިޕާސް އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދެއްވުމުން ކަމަށެވެ.

އޭޑީކޭއިން މިދިޔަ މޭ މަހު ހުޅުވި އެ ހޮސްޕިޓަލްގެ "ހަސަން އިބްރާހިމް ޓިއާ އޮފް އެކްސެލެންސް އިން ކާޑިއޮވެސްކިއުލާ ކެއާ" (ހައިޓެކް) ގައި އިއްޔެ ހަވީރު 5:20 ހާއިރު ފެށި އެ އޮޕަރޭޝަން ނިންމާލީ ރޭ ދަންވަރު 3:00 ހާއިރު އެވެ.

އޮޕަރޭޝަން ކުރި މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ލުގްމާން ވިދާޅުވި އެވެ.

ހިތުގެ މައިނާރެއް ހަލާކުވުމުން އެ ނާރު ރިޕްލޭސްކުރުމަށް މޭމަތިން ބޮޑު ތަނެއް ފަޅާލައިގެން ކުރާ މި އޮޕަރޭޝަނަކީ އުނދަގޫ، އަދި ހަރަދު ބޮޑު އޮޕަރޭޝަނެކެވެ. މީގެ ކުރިން ރާއްޖޭގައި ބައިޕާސް ސާޖަރީއެއް ހަދާފައެއް ނުވެ އެވެ. ކާމިޔާބު މި އޮޕަރޭޝަނާއެކު އޭޑީކޭ ރާއްޖޭގެ ތާރީހުގެ ތެރެއަށް ވަދެގެންދާނެ އެވެ.

މިކަމާ ގުޅިގެން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، އޭޑީކޭގައި އެފަދަ ސާޖަރީއެއް އިއްޔެ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލް މައުލޫމާތު ފަހުން ނޫސްވެރިންނާ ހިއްސާކުރާނެ ކަމަށެވެ.